ފުލުހުންގެ މަރުކަޒުތައް ގިނަވުމުން ކުށްކުރާ މީހުން ބިރުގަންނާނެ : ވަޒީރު އިހްސާން
13 ޑިސެމްބަރު 2025 - 05:50

ފުލުހުންގެ މަރުކަޒުތައް ގިނަވުމުން ކުށްތަކަށް އަރައިގަންނަން މީހުން ބިރުގަންނާނެ ކަމަށާއި ފުލުހުންގެ އިމާރާތް ގިނަވާ ވަރަކަށް ކުށްތައް ވެސް މަދުވަމުންދާނެ ކަމަށް ދާހިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރ. މާކުރަތުގައި ފުލުހުންގެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation
ވަޒީރު އިޚްސާން އިތުރަށް ވިދާޅުވި، ދިވެހިރާއްޖޭގައި ގޭންގް ހަދައިގެން ކުއްކުރުމުގެ މާހައުލު ނައްތާލުމާއި، ގަވައިދާ ހިލާފައް އުޅެމުންދާ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމާއި، ދިވެހިރާއްޖޭގައި ކުޑަކުދިން ކުށުގެ މާހައުލައް ވަންނަމުންމިދާ ދިއުން ހުއްޓުވުމާއި ޑްރަގްގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދީގެން ކުރައްވަމުންގެންދަވާ ކަމެއް ކަމަށެވެ.އެހެންކަމުން މިހާރު ކުށްތަކަށް އަރައިގަންނަ މީހުން ފުލުހުންގެ މަރުކަޒު ފެނުމުން ޖެހިލުންވެ ބިރުގަންނާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
"ކުށުގެ ވެއްޓައް އަރައިގަންނަމުންދާ މީހުން މިހާރު ޖެހިލުންވާނެ. ފުލުހުންގެ މަރުކަޒެއް ކައިރީގައި ފެންނަން ހުރުމުން ހިތަށް ބިރުވެރިކަން އަންނާނެ. އަދި ހަމައެއާއެކު އެމީހުން ކުށުގެ މާހައުލުން ދުރުކުރުމަށް ޓަކައި ފުލުހުންނަށް ގާތުން މަސައްކަތް ކުރެވެން ފެށޭނެ. ފުލުހުންގެ ޚިދުމަތަށް ދިވެހި ރައްޔިތުން ބޭނުންވާ ކޮންމެ ވަގުތަކު ގާތުގައި ތިބެ އެ ޚިދުމަތް ދޭން ފަށާނަން." ވަޒީރު އަލީ އިހްސާން
މީގެއިތުރުން ރާއްޖޭގެ ތާރީހުގައި ހިންގާ އެންމެ ފުޅާ ފުލުހުންގެ އިންފްރާސްޓްރަކްޗާ ހިދުމަތުގެ ތެރެއިން ކުރިއަށްއޮތް 2 އަހަރާއި ބައިގެ ތެރޭގައި 140 އަށްވުރެ ގިނަ އިމާރާތް ނިމި، ފުލުހުންގެ ހިދުމަތަށް ހުޅުވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިދުމަތަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަކީ އަގު ބޮޑު ނަމަވެސް އަގު ނުކުރެވޭ ފަދަ އިންވެސްޓްމަންޓެއް ކަން ވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމްކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން މި ދައުރުގެ ތެރޭގައި ބިންގާ އަޅައި މަސައްކަތް ނިންމި 2ވަނަ މަރުކަޒަކީ، ރ. މާކުރަތުގައި ހުޅުވި ފުލުހުންގެ މަރުކަޒެވެ.


