މަސްވެރިންގެ ދުވަހު ދުވާފަރުގައި ،އެމް.ޑަބްލިޔު.އެސް.ސީ ގެ ތަފާތު ހަރަކާތްތަކެއް
14 ޑިސެމްބަރު 2025 - 09:17

މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ރ. ދުވާފަރުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި، އެމް.ޑަބްލިޔު.އެސް.ސީ އިން ޓައިޓަލް ސްޕޮންސަރއެއްގެ ގޮތުގައި ބައިވެރިވެ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮއްސިއެވެ.
" އެމް.ޑަބްލިޔު.އެސް.ސީ މަސް ރޭސް" ގެ ޓައިޓަލް ސްޕޮންސަރގެ އިތުރުން "މަސްވެރި ހަވީރު" ކުޑަކުދިންގެ ފެސްޓިވަލްގައި ވެސް އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ބައިވެރިވެ، ސްޓޯލް ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މި ޙަރަކާތް ތަކުގައި އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުން ބައިވެރިވެފައި ވެއެވެ. މިމަހުގެ 12 އަދި 13 ވަނަ ދުވަހު، ދުވާފަރުގައި ކުރިއަށްދިޔަ މި ޙަރަކާތްތަކަކީ، 'މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރުމަށް ޒުވާނުންގެ ބައިވެރިވުން' އިތުރުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ޕުރޮގްރާމެކެވެ.

Ad by Hajj Corporation
"އެމް.ޑަބްލިޔު.އެސް.ސީ މަސް ރޭސް" އަދި "މަސްވެރި ހަވީރު" ގެ އިތުރުން، މަސްވެރިންނަށް އަމާޒުކޮށް އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ރ. ދުވާފަރުގައި ދޮރުން ދޮރަށް ދާ ކެމްޕޭނެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ކެމްޕޭނުގެ މަޤްސަދަކީ، އެމް.ޑަބްލިޔު.އެސް.ސީ އިން ރ. ދުވާފަރުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިތުރުން، އެރަށުގައި އުފައްދާ އައިސް އަދި ތާޒާ ފެނާ މެދު ރައްޔިތުން ދެކޭ ގޮތާއި ޚިޔާލުތައް ދެނެގަނެ، މި ޚިދުމަތްތަކަށް ރައްޔިތުން އަހުލުވެރިކުރުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެގޮތުން އެމް.ޑަބްލިޔު.އެސް.ސީ އިން ވަނީ، ރ. ދުވާފަރާއި ކައިރި އަތޮޅުތަކަށް އަމާޒުކޮށް ވައިބަރ ކޮމިއުނިޓީ ގްރޫޕެއް ވެސް ތަޢާރަފުކޮށްފައެވެ. މި ގްރޫޕް މެދުވެރިކޮށް އެ ކުންފުނިން ރ. ދުވާފަރާއި އަތޮޅުތެރޭގައި ދެމުންގެންދާ ޚިދުމަތްތަކުގެ އިތުރު މަޢުލޫމާތާއި ކުރިއަށްގެންދެވޭ ޕްރޮމޯޝަންތަކުގެ ތަފްސީލްތައް ޙިއްސާ ކުރެވޭނެއެވެ. މި ހަރަކާތްތަކުން ރ. ދުވާފަރާއި ކައިރި ރަށްރަށާއި އަތޮޅުތަކުގެ މަސްވެރިން އަދި ވިޔަފާރިވެރިންނަށް އެމް.ޑަބްލިޔު.އެސް.ސީގެ އައިސް އަދި ތާޒާ ފެން ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތުތައް މަގުފަހިވެގެންދާނެއެވެ.
ރ. ދުވާފަރަކީ، އެމް.ޑަބްލިޔު.އެސް.ސީގެ އިންޓަރގްރޭޓަޑް ޔުޓިލިޓީގެ ދަށުން، ފެނާއި ނަރުދަމާ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، ކަރަންޓުގެ ޚިދުމަތާއި ކުނި މެނޭޖުކުރުމުގެ ޚިދުމަތްވެސް އެމް.ޑަބްލިޔު.އެސް.ސީގެ ބެލުމުގެ ދަށުން ފޯރުކޮށްދެމުން ގެންދާ ރަށެކެވެ.މީގެއިތުރުން ދުވާފަރުގައި އެމް.ޑަބްލިޔު.އެސް.ސީގެ ތަޒާ ފެނާއި އައިސް އުފައްދާ ކާރުޚާނާއެއްވެސް ހުރެއެވެ.


