ފުވައްމުލައް މަސް ޕްރޮސެސިން ފެސިލިޓީގެ މަސައްކަތް ނިންމައި، ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެ
14 ޑިސެމްބަރު 2025 - 13:44

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ފުވައްމުލަކުގައި ޤާއިމުކުރަން ފެށި ފިޝް ޕްރޮސެސިންގ ފެސިލިޓީގެ މަސައްކަތް ނިންމައި ޚިދުމަތަށް ތައްޔާރުވެއްޖެއެވެ.
މިފްކޯއިން ބުނީ ފުވައްމުލަކުގައި އައިސް ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ މެދުތެރޭ ފެށި، އެ އައިސް ޕްލާންޓާ އިންވެގެން މަސް ޕްރޮސެސް ކުރާ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް އަމިއްލަ ފަރާތަކުން 2021 ވަނަ އަހަރު ފެށުނަމަވެސް ތަފާތު ސަބަބުތަކާ ގުޅިގެން އެ މަސައްކަތް އޮތީ ހުއްޓިފައިކަމަށެވެ. 2021 ވަނަ އަހަރުން ފެށިގެން އެ މަސައްކަތް ހުއްޓިފައި ވަނިކޮށް، ފުވައްމުލައް ސިޓީ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުން ހިމެނޭގޮތުން، މަސްވެރިކަމާ ގުޅުންހުރި މަސައްކަތެއް އެ ސިޓީގައި ފަށައިދިނުމަށް 2022 ވަނަ އަހަރު ފުވައްމުލައް ސިޓީ ކައުންސިލުން ސަރުކާރުގައި އެދިވަޑައިގަތުމާ ގުޅިގެން، ހަމަ އެ އަހަރު ސަރުކާރުން މި މަސައްކަތް މިފްކޯއާ ޙަވާލުކޮށްފައިވާކަމަށެވެ.

Ad by Hajj Corporation
"ނަމަވެސް އަނެއްކާވެސް، މަސައްކަތް ފަށައި ވަރަށް ކުޑަދުވަސްކޮޅަކުން މެދުކެނޑިގެންދިއުމަށްފަހު، އާހިތްވަރަކާއެކު މަސައްކަތް އަލުން ފެށުނީ މިއަހަރުގެ އޮގަސްޓް މަހު މިފްކޯގެ ސީއީއޯ ފަރުޙަތު ޝަހީރު ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، އަހަރު ނިމުމުގެ ކުރިން އެ ފެސިލިޓީ ނިންމައި، ޚިދުމަތް ފެށުމަށް ދެއްވި ޔަޤީންކަމާއެކުގައެވެ." މިފްކޯ
މިފްކޯގެ ސީއީއޯ ފުވައްމުލަކު ރައްޔިތުންނަށް ދެއްވި ޔަޤީންކަމާއެކު މަސައްކަތް އަލުން ފައްޓައި މިހާރު ވަނީ އެ ފެސިލިޓީގެ މަސައްކަތް މުޅިން ނިމި ޚިދުމަތަށް ތައްޔާރުވެފައިކަން އެ ކުންފުނިން ހާމަކުރެއެވެ. މިގޮތުން ޞިއްޙީގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ޚިދުމަތްދެވޭގޮތަށް ޤާއިމުކުރެވިފައިވާ މި ފެސިލިޓީއަށް އެމްއެފްޑީއޭއިން މިހާރު ވަނީ ހުއްދަވެސް ދެއްވާފައިކަމަށާއި އެހެންކަމުން ކުރިއަށް އޮތް ހަފުތާތެރޭ މި ފެސިލިޓީން ފުވައްމުލަކު ރައްޔިތުންނަށް މަސްގަނެ ޕްރޮސެސްކުރުމަށް ފެށޭނެކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.


