ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖު ޖޫން މަހު ބޭނުންކުރަން ފަށަނީ
15 ޑިސެމްބަރު 2025 - 07:14

ފެލިވަރުގައި ތަރައްގީކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ޖޫން މަހު ބޭނުންކުރަން ފަށާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ބުނެފިއެވެ.
މެންދުރަށް މައުލޫމާތުދެއްވަމުން މިފްކޯގެ ސީނިއަރ މެނޭޖަރ ޕަބްލިކް ރިލޭޝަންސް ޝިފްޒާ މުސްތަފާ ވިދާޅުވީ ފެލިވަރުގައި ޤާއިމުކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި 200 ޓަނުގެ ބްރައިން ފްރީޒިންގ އަދި 80 ޓަނުގެ އާރް.އެސް.ޑަބްލިއު ސިސްޓަމްގެ މަސައްކަތުގެ 69 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ފެސިލިޓީގައި ގާއިމުކުރަންޖެހޭ މެޝިނަރީޒް އިންސްޓޯލްކުރުމުގެ މަސައްކަތްތައްކަމަށާއި މީގެއިތުރުން އެ ފެސިލިޓީއަށް ބޭނުންވާ އިންޖީނުގޭގެ މަސައްކަތާއި ލޮނުފެން ގުޅުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް ޝިފްޒާ ވިދާޅުވިއެވެ. ނުނިމިހުރި މަސައްކަތްތައް ނިންމައި އަންނަ ޖޫން މަހު މުޅި ފެސިލިޓީ އޮޕަރޭޝަނަށް ގެނެވޭނެކަމަށް ޝިފްޒާ ވިދާޅުވިއެވެ.

Ad by Hajj Corporation

ފެލިވަރުގައި ތަރައްގީކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައިނެކް އިންޑިއާ ލިމިޓެޑްއާއެވެ.
މިމަޝްރޫއުގެ ދަށުން ފެލިވަރުގައި ގާއިމުކުރެވޭ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖެވެ. މިމަޝްރޫއުގެ ސަބަބުން މިފްކޯގެ ސްޓޯރޭޖް އަދި ފްރީޒިން ކެޕޭސިޓީ އެތައް ތަނެއް އިތުރުވެގެންދާނެ އެވެ. އަދި މަސްވެރިން ބާނާ މަސް ކިރުމުގައި ޒަމާނުއްސުރެ ކުރިމަތިވަމުން އަންނަ ދަތިތަކަށް ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެއެވެ.
މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ވަސީލަތްތައް ގާއިމްކުރަން ފެލިވަރުގެ ފަޅުން ވަނީ 5.7 ހެކްޓަރުގެ ބިމެއް ހިއްކާފައެވެ. އަދި މި ބިމާއެކު މުޅިން އަލަށް އެކްސްޕޯޓް ޖެޓީއަކާއި، މަސްކިރާ ޖެޓީއެއްގެ އިތުރުން ފެލިވަރުގެ އާއްމު ބޭނުންތަކަށް ބޭނުންވާ ޖެޓީއެއް ގާއިމްކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.


