މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު މަގާމުން އިސްތިއުފާ ދެއްވައިފި
12 އޭޕްރީލު 2026 - 08:58

މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ފަރުހަތު މިފްކޯގެ އެންމެ އިސްވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، މިދިޔަ އަހަރުގެ މާޗު މަހު އެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ގާތްގަނޑަކަށް އެއް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހުއެވެ.

Ad by Hajj Corporation
އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ މިފްކޯއިން ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރަން ނިންމި ނިންމުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އެ ނިންމުން މިދިޔަ ހަފުތާގައި ވަނީ އަނބުރާ ގެންގޮސް، އަގުތައް ކުރިން ހުރިވަރަށް ބަދަލުކޮށްފައެވެ.
ފަރުހަތު ޝަހީރަކީ މީގެ ކުރިން ދައުލަތުގެ މުހިންމު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި، އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފައެވެ.
ފަރުހަތު މިފްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. ވިޓާލީ ލުބިމޯވް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ފަރުހަތު އިސްތިއުފާ ދެއްވި ސަބަބެއް ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ.


