ރައްޔިތުންގެ ޚިޔާލަށް އިޖާބަދީ، މަސްދަޅުގެ އަގު ކުރީގެ އަގަށް ބަދަލުކޮށްފި
6 އޭޕްރީލު 2026 - 14:02

ރައްޔިތުންގެ ޚިޔާލަށް އިޖާބަދީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްދަޅުގެ އަގަށް ގެނައި ބަދަލު އަނބުރާ ގެންގޮސްފިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން މިފްކޯއިން ވަނީ ފިޔަވަޅުތަކެއް އަޅައި އެކަން އިއުލާންކޮށްފައެވެ.

Ad by Hajj Corporation
މިގޮތުން، އެޅި އެއް ފިޔަވަޅަކީ މާރިޗު މަހުގެ ކުރިން 11.57 ރުފިޔާއަށް އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު މިފްކޯއަށް ލިބެނީ 14.3 ރުފިޔާގެ ބޮޑުވުމަކާއެކު 25.89 ރުފިޔާއަށް ކަމުގައިވާތީ، މިއަދުން ފެށިގެން 17.50 ރުފިޔާއަށް ލިބެމުން އައި ތެޔޮ މަސްދަޅެއްގެ އަގު 18.50 ރުފިޔާއަށް ބޮޑުކުރުމެވެ. މިއީ ކުރީގެ އަގުން އެންމެ ރުފިޔާއެއްގެ ބޮޑުވުމެކެވެ. މި ބަދަލާއެކު، ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް ހަމަޖެއްސީ 800 ރުފިޔާ އަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން މިފްކޯގެ އުފެއްދުންތެރިކަމުގެ ޚަރަދު ބޮޑުވެފައިވީނަމަވެސް ކުންފުނިން ފިޔަވަޅުތައް އަޅަމުންދާނީ ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަކަށެވެ.
މިފިޔަވަޅުތަކާ ގުޅިގެން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރުމުން، މިފްކޯއިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން، ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިޢާަޔަތްކޮށް، ކުރިން އޮތްގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް މިފްކޯއިން ފަހުން މިވަނީ ހާމަކޮށްފައެވެ.
އެހެންކަމުން މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50 ރުފިޔާއަށް އަދި ތެޔޮމަސްދަޅު ކޭހެއް 760 ރުފިޔާއަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯއިން އަބަދުވެސް ބަލަނީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމުގައި ވެސް އެ ކުންފުނިން ބުންޏެވެ.

.jpg&w=3840&q=75)
