logo
Bank of Maldives

Bank of Maldives

ރިޕޯޓް

ދަންޑެހެލު ފަދައިން ހިތްވަރުގަދަ ދުވާފަރު މަސްވެރިންގެ ލޭނާރުގައި ދައުރުވަނީ ކަނދޮޅުދޫ ކާބަފައިންގެ ލޭ!

ޒިދާން މުޙައްމަދު
15 ޑިސެމްބަރު 2025 - 10:31
ދަންޑެހެލު ފަދައިން ހިތްވަރުގަދަ ދުވާފަރު މަސްވެރިންގެ ލޭނާރުގައި ދައުރުވަނީ ކަނދޮޅުދޫ ކާބަފައިންގެ ލޭ!

ފަޅުރަށެއްގެ ގޮތުގައި އެތައް ސަތޭކަ އަހަރެއް ވުމަށް ފަހު މާޅޮސްމަޑުލު އުތުރުބުރި ދުވާފަރު އަލުން އާބާދުކުރީ 2004 ވަނަ އަހަރު އެރި ވަރުގަދަ ސުނާމީ ކާރިޘާގައި އެންމެ ބޮޑަށް ހަލާކުވި އެއް ރަށް ކަމަށްވާ ރ. ކަނދޮޅުދޫ މީހުން ހިޖުރަކޮށްގެންނެވެ. އަތޮޅުގައި މީހުން އުޅޭ އެހެން ރަށްތަކާ މާ ދުރުގައި އޮތް ކަނދޮޅުދޫ، ދުވާފަރު މީހުންނަށް މުހިންމީ އެ ގޮތުންނެވެ. ސުނާމީގައި ހަލާކުވުމުގެ ކުރިން ރ. އަތޮޅުގެ އެންމެ މަސްވެރި ރަށަކީ ކަނދޮޅުދޫއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ސުނާމީގެ އެ ހިތްދަތި ވަގުތުގައިވެސް އެ ރަށުގެ އެތައް ދަރިންނެއް ތިބީ ކަނޑުމަތީ މަސްވެރިކަމުގެ މަސައްކަތުގައެވެ.

މިއަދުގެ ދުވާފަރު މީހުންނަކީވެސް މަސްވެރި ބައެކެވެ. މަސްވެރި އުޅަނދުތައް ދުވާފަރުގައި ގިނައެވެ. މަސްވެރި އާއިލާތައް ވަކީން ގިނައެވެ. ސަބަބު ސާފެއް ނޫންތޯއެވެ. އެއީ އިއްޔެގެ ކަނދޮޅުދޫގެ މަސްވެރި ދަރިންނެވެ. މިއަދު ދުވާފަރު މަސްވެރިން ދިވެހިރާއްޖޭގެ ލޭނާރު ދެމެހެއްޓުމަށްކުރާ މިންނެތް މަސައްކަތަކީ ކަނދޮޅުދޫއިން ވާރުތަވި ހިތްވަރެވެ. އެކުރާ މިންނަތަކީ ދުވާފަރު ދަންޑެހެލު ފަދައިން ހިތްވަރުގަދަ ފަހުލަވާނުންނަށް ނޫނީ ނުކުރެވޭނެ މިންނަތެކެވެ. ދިވެހިރާއްޖޭގެ ތާރީޚު މަތިމަތިން ކިޔައިއުޅޭ މީހަކަށްވެސް ދުވާފަރު ދަންޑެހެލުގެ ނަމަކީ ބީރައްޓެހި ނަމަކަށް ނުވާނެއެވެ. ޕޯޗުގީޒުންގެ އަނިޔާވެރި ވެރިކަމުން ދިވެހި ޤައުމު ސަލާމަތްކުރުމަށް ކުރި ޖިހާދުގައި އުތީމު ދިން ބެއިންގެ ވާހަކައަށްފަހު، ދެން އެންމެ މަޝްހޫރުކޮށް ކިޔާއަޑު އިވެނީ ދުވާފަރު ދަންޑެހެލުގެ ވާހަކައެވެ. އެއީ ހަނގުރާމަވެރި އުކުޅުތައް ދަންނަ ކުޅަދާނަ ފަހުލަވާނެކެވެ. މިއަދުގެ ދުވާފަރު ދަރިންގެ ހިތްވަރު ސިފަކުރަން އަހަރެންނަށް އެންމެ ކަމުދިޔަ މިސާލަކީވެސް އެއީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

undefined

މަސްވެރިންތަކެއް ދޯންޏެއްގައި ----

ދިވެހިރާއްޖޭގެ 45 ވަނަ ޤައުމީ މަސްވެރިންގެ ދުވަސް ދުވާފަރުގައި ފާހަގަކުރަން ސަރުކާރުން ނިންމި ނިންމުމަކީ ހަމަ ސަތޭކައިގެ ނިންމުމެކެވެ. ރާއްޖޭގައި ހޮވާލެވޭ މަސްވެރި ރަށްތަކުގެ ލިސްޓެއްގައި ނަމަ ދުވާފަރުގެ ނަން ވަރަށް ކުރީގައި އޮންނާނެއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި މަސްވެރިންގެ ފޯރަމްއާއި މުޅި ރ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި މަސް ރޭހާއި ކުޑަކުދިންނަށް ހާއްސަކޮށް ބޭއްވި ކުޑަކުދިންގެ ހަވީރާއި މަސްކެނޑުމުގެ މުބާރާތެއް ފާހަގަކުރެވެއެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މި ހަރަކާތްތައް ކުރިއަށް ގެންދިޔައީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މިމަހުގެ 13 ވަނަ ދުވަހުގެ ރޭ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާވެސް އެ ރަށުގައި ބޭއްވިއެވެ. މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.

undefined

ރައީސް ޑރ. މުޢިއްޒު ރ. ދުވާފަރުގައި ---

ކަނދޮޅުދޫ މީހުން ދުވާފަރަށް ބަދަލުވި ފަހުން ދޯނިތަކުގެ ސައިޒު ބަދަލުވެ ޒަމާނީވިއެވެ. ނަމަވެސް މި ކުރިއެރުންތަކާއެކު އުފުލަންޖެހުނު ތަކުލީފުތައްވެސް އިތުރުވިއެވެ. ބަނދަރުގެ ޖާގައިގެ ދަތިކަންފަދަ ކަންކަމެވެ. މިކަންކަމަށް ހައްލު ހޯދައިދިނުމަށް އަދުގެ ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދުވާފަރަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ ރަށެއްކަމުގައިވުމުން، ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މިވަނީ ފަށާފައެވެ. ދުވާފަރު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ސަބަބުން އެރަށުގެ ބަނދަރު ބޭނުންކުރުމުގައި މަސްވެރިންނަށް މިހާރު ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އަދި އެ ރަށުގެ ރައްޔިތުންގެ އެދުމާ އެއްގޮތަށް، އެ މީހުންގެ ހިތްތަކާ ގުޅިފައިވާ އުފަންފަސްގަނޑު ރ. ކަނދޮޅުދޫގައި މަސް ކިރޭނެ ބަނދަރެއް ގާއިމްކުރުމަށް ބަޔަކާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ކަނދޮޅުދޫގައި ކޯލްޑްސްޓޯރޭޖްއަކާއި ފާނަ ޕްރޮސެސްކުރުމަށް ހާއްސަ ފެސިލިޓީއަކާއެކު މަސް ކިރޭނެ ބަނދަރެއް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. މިހުރިހާ ކަމެއް ނިމިގެންދާއިރު މަސްވެރި ދުވާފަރުގެ އާއިލާތަކަށް ހިޔަހާސް އުފާ ލިބޭނެކަން ކަށަވަރެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަންޑެހެލު ފަދައިން ހިތްވަރުގަދަ ދުވާފަރު މަސްވެރިންގެ ލޭނާރުގައި ދައުރުވަނީ ކަނދޮޅުދޫ ކާބަފައިންގެ ލޭ!ރިޕޯޓް | 4 ގަޑިއިރު ކުރިންދުވާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފިޚަބަރު | 2 ދުވަސް ކުރިންމަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދޭ ފުރަތަމަ ޝެޑް، ދުވާފަރުގައި ހުޅުވައިފިޚަބަރު | 2 ދުވަސް ކުރިންރައީސްގެ ދުވާފަރު ދަތުރުފުޅު: ރަށަށް އައި މަޝްރޫޢުތަކުގެ ޢީދެއްޚަބަރު | 2 ދުވަސް ކުރިން