ކައިޒީން އެންމެފަހުން ބައްޕަ ގޮވައިގެން ސުޕްރީމް ކޯޓަށް
15 ޑިސެމްބަރު 2025 - 11:20

ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދާފައިވާ މޮޑެލް ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ދައުވާކޮށް، އެންމެފަހުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މި މައްސަލަ އަކީ ކައިޒީން އޭނާގެ ބައްޕައަށް ހަދިޔާއަކަށް ގަނެދިން ނާލު ބޯޓެއްގެ މިލްކުވެރިކަމާ ގުޅޭ މައްސަލައެކެވެ. ކައިޒީން ދައުވާކުރަނީ، 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީގެން ގަތް އެ ބޯޓު އޭނާގެ ރުހުމަކާ ނުލައި ބައްޕަގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބުނެ، އެ ބޯޓު އޭނާގެ ނަމަށް ބަދަލުކުރުމަށް އެދިއެވެ.

Ad by Hajj Corporation
މި މައްސަލަ ސިވިލް ކޯޓުން ދެވަނަ ފަހަރަށް ބެލިއިރު، ކޯޓުން ނިންމީ ބޯޓުގެ ފައިސާ ކައިޒީން ދިންކަން މަދަނީ މިންގަނޑުން ސާބިތު ނުވާކަމަށެވެ. އެގޮތަށް ނިންމީ ހެކިންގެ ހެކިބަހުގައި ފުށުއެރުން ހުރުމުގެ ސަބަބުންނެވެ. އެހެންކަމުން، ސިވިލް ކޯޓުން ވަނީ ކައިޒީންގެ ދައުވާ ބާތިލުކޮށްފައެވެ.
ސިވިލް ކޯޓުގެ އެ ނިންމުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ނިންމީ، ބައްޕަގެ ދިފާއު ލަހުން ހުށަހެޅި ނަމަވެސް އެއީ ޝަރީއަތްކޮށްގެން ނިންމަން ޖެހޭ މައްސަލައެއް ކަމަށް ބުނެ، މައްސަލަ ދަށު ކޯޓުގައި އަލުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް، ހައި ކޯޓުގެ އެ ހުކުމްގައި ބުނެފައިވަނީ އިޖުރާއީ ނުކުތާތަކެއްގެ ތެރޭގައި މައްސަލަ ތާށިވެ ދަށު ކޯޓާއި ހައި ކޯޓާ ދެމެދު ދައުރުވަމުންދާ މައްސަލައެއްގެ މައުޟޫއު ހައި ކޯޓުން ބެލުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ.
މި މައްސަލަ ދަށު ކޯޓާއި ހައި ކޯޓާ ދެމެދު ދައުރުވަމުންދާ ދަނޑިވަޅެއްގައި، ހައި ކޯޓުން ނެރުނު އެންމެ ފަހުގެ ހުކުމް ބާތިލްކޮށްދިނުމަށް އެދި ކައިޒީންގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.


