logo
Bank of Maldives

Bank of Maldives

ވިޔަފާރި

ސަރުކާރު ކުންފުނިތަކުން މިއަހަރު ފުރަތަމަ ކުއާޓާގައި 13.29 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައިފި

އާމިނަތު ޝަފާ
18 ޑިސެމްބަރު 2025 - 14:28
ސަރުކާރު ކުންފުނިތަކުން މިއަހަރު ފުރަތަމަ ކުއާޓާގައި 13.29 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައިފި

ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުން، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުޅި ޖުމްލަ 13.29 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައި އަދި 15 ކުންފުންޏަކުން ޖުމްލަ 2.05 ބިލިއަން ރުފިޔާގެ ސާފު ފައިދާ ރެކޯޑްކޮށްފައިވާކަން ކުންފުނިތަކުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

މީގެ އިތުރުން، ދައުލަތުގެ 12 ކުންފުންޏަކުށް 281 މިލިއިންގެ ރުފިޔާގެ ގެއްލުން ރެކޯޑްކޮށްފައިވީނަމަވެސް، މުޅި އެސް.އޯ.އީ ސެކްޓަރުގެ ސާފު ފައިދާގެ ގޮތުގައި 1.76 ބިލިއަން ރުފިޔާ ރިކޯޑު ކުރެވިފައިވާ ކަމަށް ޕިސީބީން ޢާއްމުކުރާ ކުންފުނިތަކުގެ މާލީ ހިސާބުތަކުން ފެނެއެވެ. މި ކުއާޓަރުގައިވެސް، ގެއްލުން ރިކޯޑުކޮށްފައިވާ ގިނަ ކުންފުނިތަކަކީ ރައްޔިތުންނަށް ހެޔޮ އަގުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތައްކަން ޕީސީބީއިން ހާމަކުރެއެވެ.  

Ad by Hajj Corporation

Ad by Hajj Corporation

ޕީސީބީން ޢާއްމުކުރާ މާލީ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާރާއި އަޅާބަލާއިރު އާމްދަނީ ނުވަ (9) އިންސައްތަ ދަށްވެފައިވީނަމަވެސް، ކުންފުނިތަކުގެ ސާފު ފައިދާވަނީ ދިހަ (10) އިންސައްތަ އިތުރުވެފައެވެ. މިއީ ކުންފުނިތަކުގެ އާމްދަނީ ދަށްވިނަމަވެސް، ކުންފުނިތަކުގެ ޚަރަދުތައް ރަނގަޅަށް މެނޭޖްކުރެވި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، ޚަރަދު ކުޑަކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބު ވަމުންދާކަމަށް އަންގައިދޭ ކަމެއްކަން ޕީސީބީން ހާމަކުރެއެވެ.

ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ތެރެއިން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ރަނގަޅު އާމްދަނީއެއް ހޯދާފައިވަނީ، 4.02 ބިލިއަންގެ އާމްދަނީއަކާއި އެކު، ސްޓޭޓް ޓްރޭޑިންގް އޯގައިޒޭޝަން (އެސް.ޓީ.އޯ)އިންނެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ 42 އިންސައްތައިގެ ކުރިއެރުމަކާއިއެކު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)އިންނެވެ.

2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް ހާސިލްކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓސް ކޮންޕެނީ ލޓޑ (އެމް.އޭ.ސީ.އެލް)އިންނެވެ. މި ކުއާޓަރުގައި އެމް.އޭ.ސީ.އެލްއަށް ސާފު ފައިދާގެ ގޮތުގައި، 572 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި ކުއާޓަރުގައި އެންމެ ބޮޑު ގެއްލުމެއް ރިކޯޑް ކޮށްފައިވަނީ 113 މިލިއަން ރުފިޔާގެ ގެއްލުމަކާއި އެކު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރ.ޑީ.ސީ)އިންނެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާގެ އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ 190 އިންސައްތައިގެ ކުރިއެރުމަކާއިއެކު، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އިންނެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެޗް.ޑީ.ސީއަށް 268.49 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ. ޕީ.ސީ.ބީގެ 2024 ވަނަ އަހަރުގެ ސެކްޓަރ ރިޕޯޓުގައި އެޗް.ޑީ.ސީއަށް ލިބިފައިވާ މާލީގެއްލުމުގެ އަދަދަކީ 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓް ނިމުމުގެ ކުރިން، ކުންފުނިން ފޯރުކޮށްދީފައިވާ ޕްރޮވިޝަނަލް އަދަދުތަކަށް ބިނާކޮށް ހިމެނިފައިވާ އަދަދެކެވެ. އެޗް.ޑީ.ސީގެ 2023 ގެ އޮޑިޓް ފައިނަލްވިއިރު، 2024 ގެ މާލީ އަދަދުތަކަށް އަސަރުކުރާ ބައެއްކަންކަން ހިނގާފައިވާތީ، އެ ކުންފުނީގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތައް ބަލާއިރު އެޗްޑީސީއަށް ފައިދާވާނެކަމަށް ލަފާކުރާކަމަށް ޕީސީބީން ހާމަކުރެއެވެ. 

2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ޖުމްލަ އެސްޓް ވެލިއު (ހަރު މުދަލުގެ އަގު)އަކީ 205.24 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 10 (ދިހައެއް) އިންސައްތައިގެ އިތުރުވުމެކެވެ. އަދި ހަމަ މި މުއްދަތުގައި ކުންފުނިތަކުގެ ދަރަނި 7 (ހަތެއް) އިއްސައްތަ އިތުރުވެފައިވެއެވެ. ކުންފުނިތަކުގެ ދަރަނި އިތުރުވެފައިވާ މިންވަރަށްވުރެން ބޮޑަށް، އެސެޓް ނުވަތަ ހަރުމުދާ އިތުރުވެފައިވުމުން، ކުންފުނިތައް ފުޅާވެ ކުރިއެރުމަށް، ދަރަންޏަށް ބަރޯސާވުން ދަށްވެފައިވާކަން ޕީސީބީއިން ހާމަކުރެއެވެ.  

2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނިތަކުގެ ލިކިއުޑިޓީ ޕޮޒިޝަނަށްބަލާއިރު، މާލީ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ނުހިމަނައި، 60 (ފަސްދޮޅަސް) އިންސައްތަ ކުންފުނިތަކުގެ ކަރަންޓް ރޭޝިއޯ އެންމެ އެދެވޭ މިންގަނޑުގައި ހިފެހެއްޓިފައިވާކަން ޕީސީބީގެ ރިޕޯޓުގައި ފާހަގަކުރެވެއެވެ. މީގެ އިތުރުން ކުންފުނިތަކުގެ ލެވެރަޖްއަށް ބަލާއިރު، މާލީ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ނުހިމަނައި، 60 (ފަސްދޮޅަސް) އިންސައްތަ ކުންފުނިތަކަކީ ދަރަންޏަށް ބަރޯސާނުވެ ނުވަތަ ދަރަނީގެ މިންވަރު އެދެވޭ މިންގަޑެއްގައި ދައްކޮށް ހިފަހައްޓައިގެން، ކުންފުނީގެ މުއާމަލާތްތަކަށް ފައިސާ ހޯދައި މެނޭޖްކުރަމުންދާ ކުންފުނިތަކެކެވެ. އަދި ހަމަ މިއާއި އެކު ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން 25 (ފަންސަވީސް އިންސައްތަ) ކުންފުންޏަކީ އެއްވެސް ވަރަކަށް ދަރަނި ނަގާފައިނުވާ ކުންފުނިތަކެއްކަންވެސް ޕީސީބީއިން ފާހަގަކުރެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރު ކުންފުނިތަކުން މިއަހަރު ފުރަތަމަ ކުއާޓާގައި 13.29 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައިފި ވިޔަފާރި | 10 ގަޑިއިރު ކުރިންމަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރި މީހުން އިންފޮމޭޝަން އޮފިސަރުންނަށް އައްޔަނުކުރަން އަންގައިފިޚަބަރު | 3 ދުވަސް ކުރިންޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތަށް ބޮޑު ކުރިއެރުމެއްޚަބަރު | 6 ދުވަސް ކުރިންއަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުން ފޫބައްދަން ޗައިނާއިން 2.8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީޚަބަރު | 8 ދުވަސް ކުރިން