142 ދުވަހުން، ވީއައިއޭގެ ހިތްގައިމު ޓަރމިނަލްގެ ތަޖުރިބާ ބައިލައްކަ މީހުންނަށް!
22 ޑިސެމްބަރު 2025 - 17:12
މިއަހަރުގެ ތެރޭގައި ރާއްޖޭގެ ދަތުރުފަތުރަށް އަދި ވަކީން ހާއްސަކޮށް ފަތުރުވެރިކަމަށް ލިބިގެންދިޔަ އެއް ކުރިއެރުމަކީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމެވެ. މިހާރު ޓަރމިނަލް 1ގެ ނަމުގައި ބޭނުންކުރާ، ހިތްގައިމު ޓަރމިނަލަކީ އަހަރަކު 7 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރުގެ ޓަރމިނަލެކެވެ. ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދިނީ މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓަށެވެ.
އެއަށްފަހު އިތުރުު އެއަރލައިންތަކަށް ޓަރމިނަލްގެ ދޮރުތައް ހުޅުވިގެންދިޔައެވެ. ވީއައިއޭގެ ޓަރމިނަލް 1 އިން މިހާތަނަށް 500،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދީފައިވެއެވެ. ތާރީހީ ކުލަގަދަ ހަފްލާއަކާއެކު ވީއައިއޭގެ ޓަރމިނަލް 1 ހުޅުވާފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ އުފަލާއެކު 26 ޖުލައި 2025 ގައެވެ. ޓަރމިނަލް ހުޅުވައިދެއްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އައު ޓަރމިނަލްގެ ޚިދުމަތް ދޭން ފެށިތާ 142 ދުވަހުގެ ތެރޭގައި ބައްލައްކަ މީހުންނަަށް އެތަނުން ޚިދުމަތް ދީފައިވެއެވެ.

Ad by Hajj Corporation
އެމްއޭސީއެލްއިން ބުނި ގޮތުގައި، 15 ޑިސެމްބަރ 2025 ގެ ނިޔަލަށް ޓަރމިނަލް 1 އިން 508،008 ފަސިންޖަރުންނަށް ހިދުމަތްދީފައި ވެއެވެ. އޭގެތެރޭ ހިމެނެނީ ރާއްޖޭން ފުރި 252،340 ފަސިންޖަރުންނާއި ރާއްޖެ އައި 255،668 ފަސިންޖަރުންނެވެ. ޚިދުމަތް ދޭން ފެށިފަހުން، ޓަރމިނަލް 1 އިން އެންމެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދީފައިވާ ދުވަހަކީ 21 ޑިސެންބަރު 2025 އެވެ. އެގޮތުން އެދުވަހު އެކަނި 19،551 ފަސިންޖަރުންނަށް ހިދުމަތް ދީފައި ވެއެވެ. އޭގެތެރޭ ހިމެނެނީ ރާއްޖެ އައި 10،870 ފަސިންޖަރުންނާއި ރާއްޖޭން ފުރި 8،681 ފަސިންޖަރުންނެވެ.
އެންމެ ފަހުން އައު ޓަރމިނަލްގެ ޚިދުމަތް ދޭން ފެށީ އެމިރޭޓްސްއަށެވެ. އެމިރޭޓްސް އެއާވޭސް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 36 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިލަނުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފުކުރި ޚިދުމަތެކެވެ.
މީގެ އިތުރުން، އައު ޓަރމިނަލުގައި ސީޕްލޭންއަށް ހާއްސަ 24 ޗެކިން ކައުންޓަރ ޤާއިމް ކުރެވިފައިވެއެވެ. ހަމަމިއާއެކު ޓަރމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ. މިއިން ކޮންމެ އެއިރޯ ބްރިޖަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ ބްރިޖްތަކެކެވެ. މިކަމުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު 8 މިނިޓަށް ކުޑަވިއެވެ.
ޓަރމިނަލުގައި ފުރާ މިހުންނަށް ގިނަ ޚިދުމަތްތަކެއް ޤާއިމްކުރެވިފައިވާއިރު، ކުރީގެ ޓަރމިނަލާ އަޅާބަލާއިރު އިމިގްރޭޝަން ކައުންޓަރުވެސް ދެގުނައަށް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ފުރާމީހުންނަށް ޙާއްސަކޮށް 20 އަށް ވުރެ ގިނަ އިމިގްރޭޝަން ކައުންޓަރު ހުންނައިރު، 6 އީގޭޓް ހުރެއެވެ. އަދި އެރައިވަލް ނުވަތަ އަންނަ މީހުންނަށް ޙާއްސަކޮށްގެން 28 އިމިގްރޭޝަން ކައުންޓަރު ބަހައްޓާފައިވާއިރު 7 އީ ގޭޓު ހުރެއެވެ.
މި ޓަރމިނަލުގައި ބޭނުން ކުރަނީ އެންމެ ޒަމާނީ ބެގޭޖް ސްކޭން ކުރާ ނިޒާމުތަކެވެ. ބެގޭޖް ދޫކުރުމާއި ފުރާ މީހުންގެ ބެގޭޖް ފޮނުވުމަށް ބޭނުންކުރަނީ ހައި ސްޕީޑް ބެގޭޖް ބެލްޓު ތަކެކެވެ.


