40 އަށްވުރެ ގިނަ ސްކޫލަށް ފޮތްތައް ފޮނުވައިފި، ޖެނުއަރީ 10 ގެ ކުރިން ހުރިހާ ސްކޫލަކަށް ފޮނުވާ ނިމޭނެ
23 ޑިސެމްބަރު 2025 - 04:56

ދިރާސީ އައު އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް، އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުރިހާ ސްކޫލަކަށް ފޮނުވައި ނިމޭނެކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މި މަސައްކަތް ތައުލީމާ ބެހޭ ވުޒާރާއިން ފަށާފައި ވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ.

Ad by Hajj Corporation
ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފުރިހަމައަށް ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ދުރާލާ ސްކޫލްތަކާއި އެ ވުޒާރާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
މި މަސައްކަތާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އަންނަ ޖެނުއަރީ މަހުގެ 10 ގެ ކުރިން ހުރިހާ ސްކޫލަކަށް ޓެކްސްޓް ފޮތްތައް ފޮނުވާ ނިންމުމަށް ކުރަމުން އަންނަ މަސައްކަތުގައި، މިހާތަނަށް 40 އަށްވުރެ ގިނަ ސްކޫލަށް ޓެކްސްޓް ފޮތް ފޮނުވާފައިވާކަމަށެވެ.
މިދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ރިޕޯޓް ފޯމް ހަވާލުކުރާއިރު އެ މަސައްކަތްތައްވެސް ނިންމުމަކީ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފެށޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
ދިރާސީ އަހަރެއް ފެށުމުގެ ކުރިން ތަޢުލީމީ ވުޒާރާއިން އަންނަނީ ދަަރިވަރުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޚާއްސަކޮށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ކިޔެވުން ފެށުމުގެ ކުރިން ފޯރުކޮށްދިނުމާއި މުދައްރިސުން ހަމަކުރުމުގެ މަސައްކަތް ހިމެނެއެވެ.
މީގެއިތުރުން ވެސް ކުަރިއަށް އޮތް ދިރާސީ އައު އަހަރު ފެށެންވާއިރަށް، އެހެނިހެން ބައެއް ކަންތައްތައް ކުރުމަށް ވެސް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ.
އެގޮތުން، ސްކޫލްތަކުގެ ކިޔެވުން ފަށާއިރު ރާއްޖޭގެ ހުރިހާ ސްކޫލްއެއްގެ ކްލާސްރޫމްތައް އޭސީކޮށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު މަހިބަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ވައުދުފުޅާ އެއްގޮތަށް،ސްކޫލު ކުދިންގެ ކިޔެވުމުގެ މާހައުލު ރަނގަޅު ކޮށްދިނުމަށްޓަކައި ކުލާސް ތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއުގެ ދަށުން، އަންނަ ދިރާސީ އަހަރު ރާއްޖޭގެ ސްކޫލްތަކުގައި ތައުލީމު ހާސިލްކުރާ ހުރިހާ ދަރިވަރުން ވަންނާނީ އޭސީ ކޮށްފައި ހުރި ކްލާސްރޫމްތަކަށް ކަމަށެވެ.
މީގެ އިތުރުން ސްކޫލްތައް އާބާތުރަ ފިލުވުމުގެ މަސައްކަތަކީވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ސަރުކާރުން ކުރާ މުހިންމު މަސައްކަތެކެވެ. އެ މަސައްކަތަށް އެކަނިވެސް 40 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.
އަހަރުތަކަކަށް ފަހު އަންނަ އަހަރަކީ އިހު އޮތްގޮތަށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާ އަހަރެވެ.
މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފެށޭނީ މި މަހުގެ 25 ވަނަ ދުވަހު ގައެވެ. އަދި ޗުއްޓީ ނިންމުމަށް ފަހު އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ. ފުރަތަމަ ޓާމްގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 ލިބޭއިރު ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17 އޯގަސްޓް މަހުގެ ފުރަތަމަ ދުވަހާހަމައަށެވެ.
އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރު އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ފަށާއިރު ދެވަނަ ޓާމްގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާއި ހަމައަށެވެ. އަދި 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ވަނަ ދުވަހުއެވެ.


