އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފަށައިފި
12 ސެޕްޓެމްބަރު 2026 - 06:00

ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ފަރާތުން މުދައްރިސުންނާއި ތައުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ގާއިމު ކުރުމުގެ މަގްސަދުގައި ބާއްވަމުން ގެންދާ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގެ އަށް ވަނަ އެޑިޝަން ފަށައިފިއެވެ.
މި އަހަރުގެ ކޮންފަރެންސްެއަށް ހާއްސަ ކުރެވިފައިވާ ޝިޔާރަކީ" ރީއިމޭޖިން، ރީތިންކް، ރިފޯމް-އެޑްވާންސިންގ އިނޮވޭޝަން ފޮރ އެން އެކުއިޓަބަލް އެންޑް ރެޒިލިއަންޓް ފިއުޗަ" އެވެ.މިއީ 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރަކުން އެއްއަހަރު ބާއްވަމަނުން އަންނަ ކޮންފަރެންސްއެކެވެ.

Ad by Hajj Corporation
މި އަހަރުގެ ކޮންފަރެންސް ކުރިއަށް ގެންދަނީ މާދަމާގެ ނިޔަލަށް ޝަހީދު އަލީ ސްކޫލްގައެވެ. މި ކޮންފަރެންސް ފައްޓަވާ ދެއްވީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފެވެ.
ތައުލީމީ ވުޒާރާއިންބުނީ، ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވާ މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވި، ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި މެދު ޚިޔާލު ބަދަލުކޮށް، މަޢުލޫމާތު ހިއްސާކުރުން ކަމަށެވެ.
މި އަހަރުގެ ކޮންފަރެންސްސްގައި ބައިވެރިވުމަށް 300 ފަރާތަކުން ރަޖިސްޓްރީކޮށްފައިވާއިރު، 106 ފަރާތަކުން މި ކޮންފަރެންސްގައި ޖުމްލަ 70 ޕްރެޒެންޓޭޝަން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކެމްބްރިޖް ޔުނިވާސިޓީ ޕްރެސް އެންޑް އެސަސްމަންޓް، ސައުތް އޭޝިޔާގެ މެނޭޖިން ޑިރެކްޓަރު، އަރުން ރާޖަމަނީ އަދި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރު، ޑރ. މަހްމޫދް ޝައުގީގެ ފަރާތުން މި ކޮންފަރެންސްގައި ކީ ނޯޓް ސްޕީޗެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން މިއަދު "ޝޭޕިންގ އަ ރެސްޕޮންސިބަލް ޑިޖޓަލް ފިއުޗަރ ފޮރ އެޑިޔުކޭޝަން"ގެ މައުޟޫއަށް އަދި މާދަމާ "ބިޔޯންޑް އެކަޑެމިކްސް: ރީއިމޭޖިނިންގ އެޑިޔުކޭޝަން ތްރޫ އިންކްލޫޝަން، ވެލިޔުސް، ރެލެވެންސް އެންޑް ޑައިވަސް ޕެތްވޭސް"ގެ މައުޟޫއަށް ބިނާކޮށް، ޕެނަލް މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކޮންފަރެންސްގެ ބައިވެރިންނަށް ހާއްސަ، ޖުމްލަ ހަތަރު ވޯކްޝޮޕެއް ބާއްވައި، ގއ.މާމެންދޫ ސްކޫލް، މުހީޢްދީން ސްކޫލް، ތާޖުއްދީން ސްކޫލް އަދި އަފީފުޢްދީން ސްކޫލްގެ ފަރާތުން އިންކްލޫސިވް އެޑިޔުކޭޝަންއާއި ގުޅޭ ޕްރެޒެންޓޭޝަންތަކެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާ، ބައިވެރިވި ހުރިހާ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރެވޭނެ މާހަޢުލެއް ޤާޢިމުކޮށް، ރޭގަނޑުގެ ކެޔުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންފެރެންސްގައި، ސްރީ ލަންކާ، ޕާކިސްތާން، އިޖިޕްޓް، އޮސްޓްރޭލިޔާ އަދި އިންޑިޔާގެ ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތްކުރައްވާ ފަރާތްތަކުން ބައިވެރިވެ، ތައުލީމީ ދާއިރާކުރިއެރުވުމާއި ހަރުދަނާ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށް މަޢުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.


