އައްޑޫ އެއާޕޯޓުގައި މެޓް އޮފީހުގެ އިމާރާތެއް ތަރައްގީކުރަން ވެމްކޯއަށް
23 ޑިސެމްބަރު 2025 - 07:25

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ގެ އިމާރާތެއް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފިއެވެ.
މިއީ، ރާއްޖޭގެ މޫސުމާބެހޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ޒަމާނީ ކުރުމުގެ ބޭނުމުގައި ތަރައްގީކުރާ އިމާރާތެކެވެ.
މި މަޝްރޫޢަކީ އާލީ ވާރނިން ފްރޭމްވޯކް އިތުރަށް ހަރުދަނާކޮށް، ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިއްމު ބައެއްކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެއެވެ. މިއީ މޫސުމީ މައުލޫމާތު ދިނުމުގެ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ މައުލޫމާތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަންވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
މި މަސައްކަތުގެ ސަބަބުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި، އައްޑޫ ސިޓީ އަދި ދެކުނުގެ އަތޮޅުތަކުގެ މޫސުމާބެހޭ މައުލޫމާތު އިތުރަށް ސީދާކޮށް، އަވަސްކަމާއެކު ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.

Ad by Hajj Corporation
އައްޑޫސިޓީގައި ވެދަރ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް މީގެކުރިން މެޓް އޮފީހުން ބުނެފައިވެއެވެ.
ރާއްޖޭގައި މިހާރު ވެދަރ ރާޑަރެއް ބަހައްޓާފައި ހުރީ ހުޅުލޭގައި ހުންނަ މޫސުމާ ބެހޭ ޤައުމީ އިދާރާގައެެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ރާޑަރ ސިސްޓަމްތައް ލިބުމާއެކު މުޅި ރާއްޖެ ރާޑަރ ނެޓްވޯކަކުން ގުޅާލުމަކީ އެ އިދާރާގެ އުއްމީދެކެވެ.
ހުޅުލޭގައި ހުރި ރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭނެއެވެ. ވެދަރ ރާޑަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މޫސުން ބެލުމަށް ބޭނުންކުރެވޭ އެންމެފަހުގެ ޓެކްނޮލޮޖީއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާގެ ވަޞީލަތްތައް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ނ.މާފަރުގައިި މޫސުން ބަލާ އޮބްޒަވޭޓަރީއެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. އެއީ ރާއްޖޭގައި ޤާއިމްކުރާ 6 ވަނަ އޮބްޒަވޭޓަރީއެވެ. މާފަރުގައި ޤާއިމުކުރާ އައު އޮބްޒަވޭޓަރީއަކީ ރާއްޖޭގެ އުތުރު ސަރަހައްދުގެ މޫސުމާބެހޭ މައުލޫމާތު އެއްކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަރުކަޒަކަށް ވެގެންދާނެކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މިހާރު ރާއްޖޭގައި މޫސުން ބަލާ އޮބްޒަވޭޓަރީތައް ހުރީ ހުޅުލެ، ހދ. ހަނިމާދޫ، ލ. ކައްދޫ، ގދ. ކާޑެއްދޫ އަދި އައްޑޫ ސިޓީ ގަމުގައެވެ. މީގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި އޮޓޮމޭޓެޑް ވެދާ ސްޓޭޝަންތަކުގެ އިތުރުން ދިޔަވަރު ބަލާ ސްޓޭޝަންތައްވެސް ހުރެއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން 4 ތަނެއްގައި ޤާއިމްކޮށްފައިވާ މެޓް އޮފީހުގެ އޮބްޒަވޭޝަން ސިސްޓަމްތައް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އެއީ ހަނިމާދޫ، ހުޅުލެ، ކައްދޫ އަދި އައްޑޫގައި ހުންނަ މެޓް އޮފީހުގެ އޮބްޒަވޭޝަން ސިސްޓަމްތަކެވެ.
މީގެ އިތުރުން ނ. މާފަރު އެއަޕޯޓުގައި އިތުރު އޮފީހެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށާއި އައްޑޫ ސިޓީ ގަމުގައި ޤާއިމްކޮށްފައިވާ އަޕާ އެއަރ (ރޭޑިއޯ ސޮންޑޭ) ސިސްޓަމް މަރާމާތު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.


