ތަށިހޯދުމުގެ ބޭނުމުގައި ސެމެންޔޯ ޔުނައިޓެޑަށް ނޫނެކޭބުނުމަށްފަހު ސިޓީއަށް ބަދަލުވަނީ
24 ޑިސެމްބަރު 2025 - 06:33

ބޯންމައުތުގެ ހުނަރުވެރި އެޓޭކަރ އެންޓޮއިން ސެމެންޔޯ ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑް މަސައްކަތްކުރަނިކޮށް، އެކުލަބުގ ހުށަހެޅުމަށް ނޫނެކޭ ބުނުމަށްފަހު ސިޓީއަށް ބަދަލުވުމަށް އެއްބަސްވެފައިވާކަމަށް ރިޕޯޓްތައް ބުނަންްފަށައިފިއެވެ.
އުމުރުން 25 އަހަރުގެ ސެމެންޔޯގެ ކޮންޓްރެކްޓްގައިވާ 65 މިލިއަން ޕައުންޑްގެ ރިލީޒް ކްލޯޒް ދެއްކުމަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ގިނަ ކްލަބްތަކަކުން ތިބީ ތައްޔާރަށެވެ. މީގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑް، ޓޮޓެންހަމް، އާސެނަލް، ލިވަޕޫލް އަދި ޗެލްސީ ހިމެނެއެވެ. ނަމަވެސް، ތަށިތައް ހޯދުމުގެ ފުރުސަތު ބޮޑުވުމާއެކު ސެމެންޔޯ ބޮޑަށް ބޭނުންވަނީ ސިޓީއާ ގުޅުމަށް ކަމަށް ބެލެވެއެވެ.

Ad by Hajj Corporation
ސެމެންޔޯގެ ރިލީޒް ކްލޯޒްގެ މުއްދަތު ހަމަވާނީ ޖެނުއަރީ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައެވެ. އެ މުއްދަތުގައި އޭނާ ކްލަބް ބަދަލުނުކޮށްފިނަމަ، އަންނަ ހޫނު މޫސުމުގައި އެ އަގު ދަށްވެގެންދާނެއެވެ. ސެމެންޔޯ މިހާރު ހުރީ އޭނާގެ ކެރިއަރުގެ އެންމެ ރަނގަޅު ފޯމުގައެވެ. އެގޮތުން މި ސީޒަނުގައި މިހާތަނަށް ކުޅުނު 16 މެޗުން އޭނާ ވަނީ 8 ލަނޑު ކާމިޔާބުކޮށްފައެވެ.
ބްރިސްޓަލް ސިޓީން 2023 ވަނަ އަހަރުގެ ޖެނުއަރީގައި ބޯންމައުތާ ގުޅުނު ސެމެންޔޯ ވަނީ އެ ކްލަބަށް ކުޅުނު 106 މެޗުގައި 30 ލަނޑު ޖަހައިދީފައެވެ. ސިޓީން ގަބޫލުކުރާ ގޮތުގައި މި ރޭހުން ކުރިހޯދައި، ޖެނުއަރީ މަހުގެ ތެރޭގައި އޭނާ އެޓީމާއި ގުޅޭނެއެވެ.


