ދިވެހީން ހެއްވާލައި ޤައުމީ އަންހެން ވޮލީ ޓީމު ފައިނަލަށް!
24 ޑިސެމްބަރު 2025 - 16:30

މިހާރު ކުރިއަށްދާ ވިމެންސް ކާވާ ކަޕު 2025ގެ, ސެމީ ފައިނަލް މެޗުގައި ބަންގްލަދޭޝް ބަލިކޮށް ދިވެހިރާއްޖޭން ފައިނަލަށް ދަތުރުކޮށްފިއެވެ.
ލީގު ބުރުގެ ތިން މެޗުން ވެސް ބަލިވެ، ފުލަށް ދިޔަ ބަންގްލަދޭޝާއެކު، ތާވަލުގެ އެއްވަނައިގައި އޮތް ދިވެހިރާއްޖެ ކުޅުނު ސެމީ ފައިނަލް މެޗް ރާއްޖޭން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

Ad by Hajj Corporation
ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގައި, ދިވެހިރާއްޖޭން ވަނީ ތިން ސެޓުގައިވެސް އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރި މަތީގައި ގައުމީ ޓީމުން ކުޅުނުއިރު މެޗުގައި ފެނިގެންދިޔައީ ޒުވާން ކުޅުންތެރިންގެ ހުނަރުވެރިކަމެވެ.
ރާއްޖެއިން ސެޓުތައް ގެންދިޔައީ، 25-17، 25-12 އަދި 25-12ގެ ނަތީޖާ އަކުންނެވެ.
މިމެޗުގައި ޒުވާން އައު ކުޅުންތެރިންނަށް ފުރުސަތު ދިންކަން ފާހަަގަކޮށްލަންޖެހެއެވެ.
މިމެޗުގައި ބެންޗުގައި ތިބި ހުރިހާ ކުޅުންތެރިންނަށްވެސް ކުޅުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ކޯޗު ވަނީ ފަހިކޮށްދީފައެވެ.
ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ)ގެ އިރުޝާދުގެ ދަށުން ކުޅޭ ގައުމީ އަންހެން ވޮލީ ޓީމުން މެޗަކަށް ފަހު މެޗެއް ކުޅުން ރަނގަޅު ކުރަމުން އައިއިރު ރާއްޖެއަށް ދެން އޮތީ ރަން މެޑައްޔަށް ކުރާ އުންމީދު ހަގީގަތަކަށް ހެދުމެކެވެ.


