ރޯދަމަހު، އަސާސީ ކާބޯތަކެތި ރާއްޖޭގެ ހުރިހައި ސަރަހައްދަކުން ލިބޭނެ އިންތިޒާމް ހަމަޖައްސަނީ
26 ޑިސެމްބަރު 2025 - 10:53

ރަމަޟާންމަހު ސަރުކާރުން ކަނޑައަޅާފައިވާ 23 ބާވަތުގެ އަސާސީ ކާބޯތަކެތި ރާއްޖޭގެ ހުރިހައި ސަރަހައްދަކުން ހެޔޮ އަގެއްގައި ލިބޭނެކަން ކަށަވަރު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation
ރަމަޟާންމަހަކީ ކާބޯތަކެތީގެ ޑިމާންޑް އިތުރުވާ މަހެއް ކަމަށާއި، މިކަމަށް ތައްޔާރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެކުރިން 60 އަހަރުވަންދެން އަސާސީ ކާބޯތަކެއްޗަކީ ހަނޑޫ، ހަކުރު، ފުށެވެ. ނަމަވެސް މި ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ އިތުރުން 10 ބާވަތުގެ މޭވާއާއި 10 ބާވަތުގެ ތަރުކާރީގެ އިތުރުން މުގު، ބިސް، އަލުވި ގަނޑުކޮށް އެސްޓީއޯއިން ގެނެސް ބާޒާރުގައި ވިއްކަން ނިންމަވާފައެވެ. އެސްޓީއޯއިން މިތަކެތި ވިއްކަން ފެށީ މިދިޔަ އޮކްޓޯބަރ މަހުއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިފަހުން ނިމިދިޔަ ދެ ރަމަޟާން މަހުވެސް ކާބޯތަކެތީގެ އަގު ހިފެހެއްޓިފައި ހުރި ކަމަށާއި، މި ރަމަޟާން މަހުވެސް އަގު ބޮޑުވިޔަ ނުދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެސްޓީއޯއިން މާލޭގައި އަސާސީ ކާބޯތަކެތީގެ 23 ބާވަތް ހޯލްސޭލްކޮށް ލިބޭނެ ހޯލްސޭލް ސެންޓަރެއް ވަނީ ގާއިމްކޮށްފައެވެ. އަދި ރަމަޟާންމަހަށް ހުޅުމާލޭގައިވެސް މިފަދަ ވަސީލަތްތައް ގާއިމްކުރެވޭނެ ކަމަށާއި، އައްޑޫ، ކުޅުދުއްފުށި، ތިނަދޫ ފަދަ ބޮޑެތި ސިޓީތަކުގައިވެސް އެސްޓީއޯގެ ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސް ނިންމަވާފައިވަނީ 3000 އިން މަތީގެ އާބާދީތަކަށް އެސްޓީއޯއިން ސީދާ 23 ބާވަތް ފޯރުކޮށްދިނުމަށާއި، 3000 އިން ދަށުގެ އާބާދީތަކަށް އެޖެންޓުން މެދުވެރިކޮށް މި ތަކެތި ލިބޭނެކަން ކަށަވަރު ކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތް މިހާރު އެސްޓީއޯއާއި އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުން އެސެންޝިއަލް ކޮމޯޑިޓީ ޕްރައިޒް އިންޑެކްސް (އީސީޕީއައި) އެއް ނެރެން ފަށާފައިވާ ކަމަށާއި، މިއީ ގޭބިސީތަކަށް ބޭނުންވާ އަސާސީ ބާވަތްތަކުގެ އަގުތަކަށް އަންނަ ބަދަލު ދެނެގަނެ، އަގު ކޮންޓްރޯލް ކުރުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުމަށް ބޭނުންވާނެ އެއްޗެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.


