ކޭ-ޕާކު މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ,ޖައިޝާންއަށް 89 ދަޢުވާ ސާބިތު ވެއްޖެ
27 ޑިސެމްބަރު 2025 - 10:09

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ-ޕާކު ރެޒިޑެންސްގެ ފްލެޓުތަކުގެ މައްސަލައިގައި ޙަސަން މަމްދޫހުގެ މައްޗަށް 94 ދަޢުވާ، އަދި ޖައިޝާން ސަޢީދުގެ މައްޗަށް 89 ދަޢުވާ ސާބިތުވެއްޖެއެވެ.
މިއީ މަމްދޫޙް އާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެޖޯރިޓީ ހިއްސާދާރުކަމުގައިވާ ޗައިނާ، ޖިން ޝިހޫ، (ޕާސްޕޯރޓް ނަންބަރު 8055185އީއެފް) ގެ ސޮއި ފޯޖުކޮށްގެން ލިޔެކިޔުންތަކެއް ހަދައިގެން، ބޭންކް އޮފް މޯލްޑިވްސްގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އެކައުންޓް ހުޅުވައި، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާކުރަމުންދާ އިމާރާރުގެ އެޕާރޓްމަންޓްތައް އޮޅުވާލާއިގެން މަކަރާއި ޙީލަތުން ޢާއްމު ފަރާތްތަކަށް ވިއްކައި، ބައެއް އެޕާރޓްމަންޓްތައް އެއް ފަރާތަށް ވުރެ ގިނަ ފަރާތަށް ވިއްކައި، އެފައިސާއަށް ޚިޔާނާތްތެރިވެ އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައެކެވެ.

Ad by Hajj Corporation
ކޭޕާކު މައްސަލައިގައި މަންޑޭއާ ދެކޮޅަށް 100 އަށްވުރެ ގިނަ ދައުވާކޮށް، މިދިޔަ އަހަރުގެ ޖުލައި 30ގައި އެ މައްސަލައިގައި ޝަރީއަތްވަނީ ފަށައިފައެވެ.
އެ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމަށް މަންޑޭ ހާޒިރުވެފައި ނުވާއިރު، އޭނާ ހޯދައިދިނުމަށް އެދި ފުލުހުންގެ މައްޗަށް ކޯޓުން އަމުރެއް ނެރުނެވެ. އޭގެ ފަހުން، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރޭ އެ މުއައްސަސާއިން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މަމްދޫހާއި ޖައިޝާންގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ވަނީ ސާބިތުވެފައެވެ. އެގޮތުން މަމްދޫހުގެ މައްޗަށް ޓެކުންގެ 46 ދަޢުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދަޢުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ 3 ދަޢުވާ އަދި މަނީ ލޯންޑްރިންގެ 1 ދަޢުވާ ސާބިތުވެފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވިއެވެ.
ޖައިޝާންގެ މައްޗަށް ސާބިތުވެފައިވަނީ، ޓެކުމުގައި ބައިވެރިވުމުގެ 45 ދަޢުވާއާއި، އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ 40 ދަޢުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ 3 ދަޢުވާ އަދި މަނީ ލޯންޑަރ ކުރުމަށް އެހީތެރިވުމުގެ 1 ދަޢުވާއެވެ.
މި މައްސަލާގައި ކޮށްފައިވާ މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވެފައިވާތީ، އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސްގެ އެޕާޓްމަންޓާއި، އެޕާޓްމަންޓާ ގުޅިފައިވާ ބޭސްމަންޓް/ ޕާކިންގ ސްލޮޓް ދައުލަތަށް ނެގުމަށްވަނީ ނިނަމާފައެވެ.
މި ދަޢުވާތަކާ ގުޅިގެން މި 2 މީހުންނަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުން 30 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހު ބާއްވަން ވަނީ ހަމަޖެހިފައެވެ.


