ރާއްޖޭގެ ތާރީޚުގައި އެންމެ ދިގު ޖަލު ހުކުމް މަންޑޭގެ މައްޗަށް، 397 އަހަރު!
31 ޑިސެމްބަރު 2025 - 06:45

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި، ހަސަން މަންދޫހު (މަންޑޭ) 397 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް މީހެއްގެ މައްޗަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ.
މަންޑޭގެ މައްޗަށް ދައުލަތުން އުފުލި ޖުމްލަ 104 ދައުވާގެ ތެރެއިން 94 ދައުވާއެއް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ޓެކުމުގެ 46 ދައުވާއާއި، އޮޅުވާލުމުގެ 44 ދައުވާއާއި، މަނީ ލޯންޑްރިންގެ ދައުވާއެއްގެ އިތުރުން ސައްހަ ނޫން ލިޔުން ދިނުމުގެ 3 ދައުވާ ހިމެނެއެވެ. ނަމަވެސް މި މައްސަލާގައި ހިމެނޭ 16 ދައުވާއެއް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

Ad by Hajj Corporation
ޖަލު ހުކުމުގެ އިތުރުން، މަނީ ލޯންޑްރިންގެ ކުށުގެ އަދަބެއްގެ ގޮތުން މަންޑޭ 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އޭނާގެ މިލްކިއްޔާތުގައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި މަކަރާއި ހީލަތުން ފައިސާ ނެގި މީހުންނަށް އެ ފައިސާ އަނބުރާ ދިނުމަށްވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލާގައި ދެން ހިމެނޭ ޖައިޝާން ސައީދުގެ މައްޗަށް 86 ދައުވާއެއް ސާބިތުވެ، 150 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ޓެކުމުގައި ބައިވެރިވުމާއި، އޮޅުވާލުމުގެ އަމަލުތައް ހިންގުމާއި، މަނީ ލޯންޑްރިންއަށް އެހީތެރިވުމުގެ ކުށްތަކެވެ. ޖައިޝާން ތިން ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ގެއްލުންވި މީހުންނަށް 6 މަސް ތެރޭ ފައިސާ އަނބުރާ ދިނުމަށްވެސް ކޯޓުން އެންގިއެވެ.
މައްސަލަ ބެއްލެވި ގާޒީ ނަދީމް ވިދާޅުވީ، މިއީ އެހެން މީހުންނަށް އިބްރަތަކަށް ވާނެ ފަދަ ހަރުކަށި އަދަބެއް ދޭންޖެހޭ މައްސަލައެއް ކަމަށެވެ. ކުށުގެ ބާވަތަށް ބަލައި، އަދަބު ގޭބަންދަށް ބަދަލުކޮށްދިނުމަށް ޖައިޝާންގެ ފަރާތުން އެދުނު ނަމަވެސް، ގާޒީ ވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ.


