ތިން އަހަރުފަހުން ދަގޭ އެނބުރި ގަލޮޅުދަނޑަށް ނިކުުތްމެޗުގައި ނިއު މޮޅުވެ ތާވާލުގެ ތިންވަނައަށް
28 ޑިސެމްބަރު 2025 - 03:31

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ. މި މޮޅާއެކު ނިއުއަށް 12 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ބުރު ސްޕޯޓްސް ކުލަބު ވަނީ 20 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައެވެ.
މި މެޗުގެ އެންމެ ފާހަގަކޮށްލެވުނު ކަމަކީ އަނިޔާގެ ސަބަބުން ތިން އަހަރެއްހާދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަލުން ދަނޑަށް ނުކުތުމެވެ. ދެ އަހަރާއި އަށް މަހަށްފަހު އަޝްފާގު ކުޅެން ނުކުތީ މެޗުގެ ދެވަނަ ހާފުގައެވެ. މީގެ އިތުރުން ނިއުގެ ފުރަތަމަ އެގާރައިން ކީޕަރު އަހުމަދު ސަމީރާއި އަލަށް ގުޅުނު ނައިޖީރިއާގެ ފޯވާޑް އަލް ހާޖީ ގެރޫ ވެސް ވަނީ ފެނިގެން ގޮސްފައެވެ.

Ad by Hajj Corporation
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ލީޑު ނިއުއިން ނެގީ 25 ވަނަ މިނިޓުގައެވެ. މިއީ އަލީ ފާސީރު (ސެންޓޭ) ތަނަވަސްކޮށްދިން ފުރުސަތަކުން ރާއިފް ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ބުރު ސްޕޯޓްސްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ނިއުގެ ކީޕަރު ސަމީރު ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ނިއުގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު މެޗުގެ 53 ވަނަ މިނިޓާއި 58 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ ފާސީރުއެވެ. މެޗުގެ އިތުރު ވަގުތުގައި އަލީ އަޝްފާގަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ.
ލީގުގެ 12 ވަނަ ހަފްތާގެ ކުޅުން ނިމުނުއިރު، ތާވަލުގެ އެއްވަނައިގައި 34 ޕޮއިންޓާއެކު އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ. ދެވަނައިގައި 28 ޕޮއިންޓާއެކު އޮޑި ސްޕޯޓްސް ކުލަބު އޮތްއިރު، ވިކްޓަރީ އޮތީ ފަސްވަނައިގައެވެ. ތާވަލުގެ ފުލުގައި 7 ޕޮއިންޓާއެކު އޮތީ ޔުނައިޓެޑް ވިކްޓަރީ އާއި ކުލަބު ވެލެންސިއާއެވެ.


