ޗެލްސީ ބަލިކޮށް އެސްޓަންވިލާއިން ޖެހިޖެހިގެން 11 ވަނަ މޮޅު
28 ޑިސެމްބަރު 2025 - 06:51

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮލީ ވޮޓްކިންސް ކާމިޔާބުކުރި ދެ ލަނޑާއެކު، ފަހަތުން އަރައި 2-1 އިން ޗެލްސީ ބަލިކޮށް އެސްޓަން ވިލާއިން ތަށީގެ ރޭހުގައި އާސެނަލްއާ ގާތަށް ޖެހިލައިފިއެވެ. މި މޮޅާއެކު ވިލާ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ ތިން ޕޮއިންޓު ގާތުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ވަނީ މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި ޗެލްސީއަށް ކުރިހޯދައިދިނީ ރީސް ޖޭމްސް ނެގި ކޯނަރަކުން ޖޮއާއޯ ޕެޑްރޯގެ އެހީތެރިކަމާއެކު ބޯޅަ ގޯލަށް ވަދެގެންނެވެ. ފުރަތަމަ ހާފު ނިމުނުއިރު ވިލާއަށް ޗެލްސީގެ ގޯލަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

Ad by Hajj Corporation
ނަމަވެސް މެޗުގެ އޮއިވަރު ބަދަލުވީ 58 ވަނަ މިނެޓުގައި އެސްޓަން ވިލާގެ ކޯޗު އުނާއި އެމެރީ ގެނައި ތިން ބަދަލާއެކުގައެވެ. އޭގެ ތެރޭގައި ހިމެނޭ އޮލީ ވޮޓްކިންސް ވަނީ ކުޅެން އެރިތާ ފަސް މިނެޓު ތެރޭގައި ވިލާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ ފޮނުވާލި ފުރަތަމަ ހަމަލާ ކީޕަރު ރޮބާޓް ސަންޗޭޒް މަތަކުރި ނަމަވެސް، ބޯޅަ ރީބައުންސްވެ ވޮޓްކިންސްގެ ގައިގައި ޖެހިފައި ގޯލަށް ވަނީއެވެ.
މެޗުން ވިލާ މޮޅުވި ލަނޑު ވޮޓްކިންސް ކާމިޔާބުކުރީ 84 ވަނަ މިނެޓުގައެވެ. ޔޫރީ ޓީލަމަންސް ނަގައިދިން ކޯނަރެއް ބޮލުން ޖަހައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން އޭނާ ވަނީ ޓީމަށް މުހިންމު ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ. މިއީ މި ސީޒަނުގައި ޗެލްސީގެ ދަނޑުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ކުޅުންތެރިއަކު ދެ ލަނޑު ޖެހި ދެވަނަ ފަހަރެވެ.
މިމޮޅާއެކު އެސްޓަންވިލާ އެންމެފަހުން ކުޅުނު 11 މެޗުން މޮޅުވެފައިވާއިރު، ވިލާ މިވަގުތު އޮތީ ތާވަލުގެ 3 ވަނައިގައެވެ.


