ރަސްމާލެ ހިއްކުމުގެ މަޝްރޫޢު އަންނަ އަހަރުގެ އޭޕްރީލް މަހަށް ނިންމާލެވޭނެ : ވަޒީރު މުއްތަލިބު
28 ޑިސެމްބަރު 2025 - 09:43

ރަސްމާލެ ހިއްކުމުގެ މަޝްރޫޢު އަންނަ އަހަރުގެ އޭޕްރީލް މަހަށް ނިންމާލެވޭނެ ކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ރަސްމާލެ މާސްޓަރ ޕްލޭންގެ ދަށުން ބޯހިޔާވަހިކަމުގެ މަސައްކަތްތަކާއި އަދި އިޤްތިޞާދީ ގިނަ މަސައްކަތްތަކެއްގެ މަސައްކަތް ފެށޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އިކޯސިޓީގެ ގޮތުގައި ތަރައްޤީ ކުރާ ރަސްމާލޭގެ މަސައްކަތް ސަރުކާރުން ފެށީ، 2023 ވަނަ އަހަރުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަސައްކަތް 3 ޑްރެޖަރއެއް ބޭނުންކޮށްގެން ކުރުމަށް ނިންމާފައިވާ ކަމަށެެވެ. އެގޮތުން އެކި ސައިޓްތަަކަށް ބަހާލާއިގެން 3 ކުންފުންޏަކުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު، ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އަހަރު އޭޕްރީލް މަހަށް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރަސްމާލެ ހިއްކާ ނިމުމުން ސަރުކާރުގެ އައު ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި އެ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
" ގުޅީފަޅު، ގިރާވަރުފަޅު، ހުޅުމާލެ ފޭސް 3 އަދި ރަސްމާލެވެސް އާބާދުކުރަން ބަލާއިރު އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ، މުނިސިޕަލް އިންފްރަސްރަކްޗަރ އަދި މަގު ހެދުމުގެ މަސައްކަތް. މިހާރު މިނިސްޓްރީ އޮފް ފައިނޭސްއިން އިއުލާންކޮށްފައި އެބައޮތް އެތަނުގެ މާސްޓަރ ޕްލޭންއެއް ހެދުމަށް ފަރާތްތަކެއް ހޯދުމަށްޓަކައި" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރަސްމާލެ ތަރައްޤީކު ރުމުގެ މަޝްރޫއުގެ ދަށުން މިހާރުވެސް އެތަނުގެ ފެނާއި ނަރުދަމާ ޤާއިމްކުރުމަށް އެމްއޯޔޫތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެތަނުގެ ޑިޒައިން ކުރުމުގެ މަސައްކަތް ފެށިގެންދާނީ، ރަސްމާލެ މާސްޓަރ ޕްލޭން ނިމުމުން ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ރަސްމާލެ ހިއްކާ ނިމުމާއެކު އެތަން އާބާދު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ފަށާނެ ކަމަށެވެ.
ރަސްމާލެ މަޝްރޫޢުގެ ދަށުން މިހާރު ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު ޖުމްލަ 1100 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް 3 ފަރާތަކުން ދަނީ ކުރަމުންނެވެ. އެގޮތުން ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 215 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ވަނީ ހިއްކާ ނިންމާފައެވެ.
މި މަޝްރޫޢަކީ، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލު ގެނުވާނެ މަސައްކަތެކެވެ. އެގޮތުން ކުރިއަށް އޮތް 5 މަސްތެރޭ އެ ބިމުން 15000 ގޯތި ދެވޭ މިންވަރަށް ހިއްކާނެ ކަމަށާއި، އެ ގޯތިތަކަށް ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation


