މިހާތަނަށް ގޯއްޗާއި ފްލެޓަށް 518 އެޕްލިކޭޝަން ހުށަހަޅައިފި
19 ޖެނުއަރީ 2026 - 05:20

މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރަން އިއްޔެ ހުޅުވާލި ފުރުސަތުގައި ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 518 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާ ބިނާާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި، 518 އެޕްލިކޭޝަންގެ ތެރެއިން 399 އެޕްލިކޭޝަނަކީ ފްލެޓް އެޕްލިކޭޝަނެވެ. ގޯއްޗަށް ހުށަހަޅާފައި ވަނީ 119 އެޕްލިކޭޝަނެވެ. ޑްރާފްޓް ސްޓޭޖްގައި 3836 އެޕްލިކޭޝަން އެބައޮތް ކަމަށް ވެސް ބުނެފައިވެއެވެ.

Ad by Hajj Corporation
އިމާރާތްކުރުމާ ބިނާާރާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ 11:59 އެވެ. އަދި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މާޗު 4 ވަނަ ދުވަހުގެ ރޭ 11:59 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. ފްލެޓްތައް ބަހާލެވިފައިވާ ގޮތަށް ބަލާއިރު، މާލޭ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްވެހިންނަށް 1,500 ފްލެޓް، އަދި ބާކީ ބައި ސިފައިންނާއި ފުލުހުންނާއި އެކަނިވެރި މައިންބަފައިންނާއި މަސްވެރިން ފަދަ ހާއްސަ ދާއިރާތަކަށް ވަނީ ކަނޑައަޅާފައެވެ.
ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް (އުފަންވީއްސުރެ މާލޭގައި ރަޖިސްޓްރީވެފައިވާ މީހުންނާއި ދަފްތަރު މީހުން ހިމެނޭހެން) 10,000 ގޯތި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްވެހިންނަށް 3,000 ގޯތި އަދި މައިމުޅަވުމުގެ ސަބަބުން ބޯހިޔާވަހިކަމުން މަހްރޫމްވެފައިވާ ފަރާތްތަކާއި ހަނި ގޯޅިތަކުގައި ހުރި ގޯތިތައް ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ހާއްސަކޮށްފައިވެއެވެ.
މި މަޝްރޫއަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރުވެފައިވާ ދިވެހިންނަށެވެ. ފްލެޓަށް ކުރިމަތިލެވޭނީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ. މާލޭގައި މެދުނުކެނޑި 15 އަހަރު އުޅުނު ކަމަށް ބަލާނެ ހާއްސަ ހާލަތްތަކުގެ ތެރޭގައި ތައުލީމާއި ސިއްހީ ފަރުވާއަށް ނުވަތަ ވަޒީފާގެ ގޮތުން ރަށުން ބޭރުގައި އުޅެންޖެހުން ހިމެނެއެވެ.
ޕޯޓަލް: boahiyaavahikan.housing.gov.mv


