ޕެލަސް ބަލިކޮށް ޓޮޓްނަމް ތާވަލުގެ 11 ވަނައަށް
29 ޑިސެމްބަރު 2025 - 05:23

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޓޮޓްނަމް ކާމިޔާބުކޮށްފި އެވެ. ރަށުން ބޭރުގައި ޓޮޓްނަމް ކުޅުނު މި މެޗުގައި ޕެލަސް އިން ވަނީ މޮޅު ކުޅުމެއް ދައްކާ، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޓޮޓްނަމްގެ ބްރެޒިލް ފޯވަޑް ރިޗަލިސަން ވަނީ ދެ ލަނޑު ޖަހާފަ އެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (VAR) އިން ބެލުމަށްފަހު، އެ ދެ ލަނޑަކީވެސް އޮފްސައިޑް ލަނޑުތަކެއް ކަމަށް ނިންމައި ބަލައިގެންފައެއް ނުވެއެވެ.

Ad by Hajj Corporation
ޓޮޓްނަމް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ އާޗީ ގްރޭ އެވެ. މިއީ އުމުރުން 19 އަހަރުގެ ގްރޭ ޓޮޓްނަމްގެ ސީނިއަރ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މި މޮޅާއެކު ޓޮޓްނަމް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 18 މެޗުން 25 ޕޮއިންޓް ލިބިފަ އެވެ. މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ 11 ވަނަ މަގާމުގަ އެވެ. މެޗުން ބަލިވި ކްރިސްޓަލް ޕެލަސް އަށް ލިބިފައިވާ 26 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 9 ވަނައިގަ އެވެ.
ލީގުގައި ދެން އެންމެ އަވަހަށް ކްރިސްޓަލް ޕެލަސް ކުޅޭ މެޗުގައި އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ނިކުންނާނީ ފުލަމް އާއި ދެކޮޅަށެވެ. އަދި ޓޮޓްނަމް ހޮޓްސްޕަރ ރަށުން ބޭރުގައި ނިކުންނާނީ ބްރެންޓްފޯޑް އާއި ދެކޮޅަށެވެ.


