ޓޮޓެންހަމްގެ ވަގުތީ ކޯޗަކަށް އީގޯ ޓޫޑޯ ހަމަޖައްސައިފި
14 ފެބްރުއަރީ 2026 - 04:28

މި ސީޒަނުގެ ނިޔަލަށް ޓޮޓެންހަމް ހޮޓްސްޕާގެ އިންޓަރިމް ހެޑް ކޯޗުގެ މަގާމު އަދާކުރުމަށް އީގޯ ޓޫޑޯ އެއްބަސްވެއްޖެއެވެ. ޓޮޓެންހަމްއިން އައު ކޯޗަކު މި ހޯދީ، ރެލިގޭޝަން ޒޯނަށްވުރެ އެންމެ ފަސް ޕޮއިންޓް ކުރީގައި އޮއްވައި، މި ހަފްތާގެ ކުރީކޮޅު ތޯމަސް ފްރޭންކް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ބީބީސީ ސްޕޯޓްސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަންނަ ހޯމަ ދުވަހު ކުޅުންތެރިން އަލުން ފަރިތަކުރުންތަކަށް ނުކުންނައިރު، ވަގުތީ ކޯޗަކު ހަމަޖެއްސުމަށް ކްލަބުން ވަނީ ބޭނުންވެފައެވެ. އުމުރުން 47 އަހަރުގެ ޓޫޑޯ އެންމެ ފަހުން ހުރީ ޔުވެންޓަސްގެ ކޯޗުކަމުގައެވެ. ނަމަވެސް، ޖެހިޖެހިގެން އަށް މެޗުން މޮޅުނުވެ، ސެރީ އޭގެ އަށްވަނައިގައި އޮއްވައި 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

Ad by Hajj Corporation
ޓޫޑޯއަކީ ލާޒިއޯ، މާސޭ، ގަލަތަސަރާއި އަދި އުދިނޭޒީ ފަދަ ކްލަބްތަކުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ ކޯޗެކެވެ. ބީބީސީން ރިޕޯޓްކުރާ ގޮތުގައި، ޓޫޑޯއަށް މި ފުރުސަތު ދިނުމަށް ނިންމި އެންމެ ބޮޑު އެއް ސަބަބަކީ، އޭނާ މީގެ ކުރިން ހަވާލުވި ކްލަބްތަކުގައި ވަގުތުން ނަތީޖާ ދައްކާފައިވުމެވެ. އޭނާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ހޯދި ހަމައެކަނި ތަށި ހޯދާފައިވަނީ 2013 ވަނަ އަހަރު އަމިއްލަ ގައުމުގެ ހައިޑުކް ސްޕްލިޓަށް ކްރޮއޭޝިއަން ކަޕް ކާމިޔާބުކޮށްދީގެންނެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ޓޫޑޯ ވަނީ ޔުވެންޓަސްގައި ނުވަ އަހަރު ހޭދަކޮށް، ދެ ފަހަރު ސެރީ އޭ ކާމިޔާބުކޮށްފައެވެ. އަދި 2003 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައިވެސް އޭނާ ކުޅުނެވެ. މީގެ އިތުރުން، 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށް ތިންވަނަ ހޯދި ކްރޮއޭޝިއާ ޓީމުގައިވެސް އޭނާ ހިމެނުނެވެ. އޭނާ ކުޅުން ހުއްޓާލީ 2008 ވަނަ އަހަރު، އުމުރުން 30 އަހަރުގައި ތަނބިކައްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.
ޓޮޓެންހަމްގެ ވަގުތީ ކޯޗުކަމަށް އެޑިން ޓާޒިޗް އަދި މާކޯ ރޯސް ފަދަ ކޯޗުންނަށްވެސް ފުރުސަތު އޮތް ކަމަށް ބެލެވުނެވެ. ޓޫޑޯގެ އިރުޝާދުގެ ދަށުން ޓީމުގެ ނަތީޖާތައް ރަނގަޅުވެއްޖެނަމަ، ދާއިމީ ކޯޗަކަށް އޭނާ ހަމަޖެއްސުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް، ދާއިމީ ކޯޗެއްގެ ގޮތުގައި ގެނައުމަށް ވިސްނާ ކެންޑިޑޭޓުންގެ ތެރޭގައި ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހިމެނެއެވެ. ޕޮޗެޓީނޯ މިހާރު ހުރީ އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަމުގައެވެ. މީގެ އިތުރުން، ދާދި ފަހުން މާސޭއާ ވަކިވި ރޮބާޓޯ ޑި ޒާބީއަކީވެސް ޓޮޓެންހަމްއިން ފާރަލަމުންދާ ކޯޗެކެވެ.


