ނިއުކާސަލް އަތުން ބަލިވެ ޓޮޓްނަމް ރެލިގޭޓް ވުމާ ގާތަށް
11 ފެބްރުއަރީ 2026 - 04:57

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޓޮޓެންހަމް ހޮޓްސްޕާ އަތުން 2-1 އިން މޮޅުވެ، ނިއުކާސަލް ޔުނައިޓެޑުން އެޓީމުގެ ކޯޗު އެޑީ ހޯވްއަށް އޮތް ޕްރެޝަރު ކުޑަކޮށްފިއެވެ. މި ނަތީޖާއާއެކު ޓޮޓެންހަމްގެ ކޯޗު ތޯމަސް ފްރޭންކަށް އޮތް ފާޑުކިޔުންތައް ވަނީ އިތުރަށް ބޮޑުވެފައެވެ.
މި މެޗުގައި ނިއުކާސަލް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އެޓީމަށް ބަދަލުވި ފަހުން ޖޭކޮބް ރަމްސީ ޖެހި ފުރަތަމަ ލަނޑުންނެވެ. މި މޮޅާއެކު ނިއުކާސަލް އިން ޖެހިޖެހިގެން ތިން މެޗުން ބަލިވެފައި އޮތް އޮތުން ނިމުމަކަށް އައިއިރު، ޓޮޓެންހަމް އަދިވެސް އޮތީ 2026 ވަނަ އަހަރު ލީގުގައި މެޗަކުން މޮޅުނުވެއެވެ. މިމޗުން ބަލިވުމާއެކު ޓޮޓްނަމް ވަނީ ތާވަލުގެ 16 ވަނަ އަށް ވެއްޓިފައެވެ. މިއީ ރެލިގޭޝަން ޒީޯނަށްވުރެ އެންމެ ދެ ރޭންކް މަތީ އަދަދެކެވެ.

Ad by Hajj Corporation
މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލް އިން ކުޅުން ކޮންޓްރޯލް ކުރިއިރު، 44 ވަނަ މިނެޓުގައި ޖޯ ވިލޮކް ޖެހި ލަނޑެއް އޮފްސައިޑްވުމުގެ ސަބަބުން ބަލައިނުގަތެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި މަލިކް ތިއޯ ވަނީ ނިއުކާސަލްއަށް ކުރިހޯދައިދީފައެވެ. އޭނާ މި ލަނޑު ޖެހީ ޓޮޓެންހަމްގެ ކީޕަރު ގުގްލިއެލްމޯ ވިކާރިއޯ އަތުން ކަސިޔާރުވި ބޯޅައެއް ރީބައުންޑުގައި ގޯލަށް ވައްދާލައިގެންނެވެ.
ދެވަނަ ހާފު ފެށިގެން 64 ވަނަ މިނެޓުގައި އާޗީ ގްރޭ ވަނީ ޓޮޓެންހަމްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން އެންތަނީ ގޯޑަން އޭރިއާ ތެރެއަށް ވަދެ އުފެއްދި ފުރުސަތަކުން ރަމްސީ ވަނީ އަލުން ނިއުކާސަލްއަށް ކުރިހޯދައިދީފައެވެ. މެޗުގެ ފަހުކޮޅު ނަތީޖާ ހަމަހަމަ ކުރަން މިކީ ފެން ޑި ފެންއަށް ލިބުނު ފުރުސަތު ބޭކާރުވުމުން، ޓޮޓެންހަމް ވަނީ ރެލިގޭޝަން ބިރުވެރިކަމުގެ ތެރެއަށް ވެއްޓިފައެވެ.
މި މޮޅާއެކު ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ވަނީ ޕްރިމިއާ ލީގުގައި އޭނާގެ 136 ވަނަ މޮޅު ހޯދާފައެވެ. މިއީ އިނގިރޭސި ކޯޗުންގެ ތެރެއިން ހެރީ ރެޑްނެޕް (236) އަދި ސޭމް އެލަޑައިސް (178) އަށް ފަހު އެންމެ ގިނަ މޮޅު ހޯދި ތިންވަނަ ކޯޗެވެ. އަނެއްކޮޅުން ޓޮޓެންހަމް އިން ލީގުގައި މޮޅެއްނުވެ އަށް މެޗު ހަމަކޮށްފައިވާއިރު، މިއީ 2008 ވަނަ އަހަރަށް ފަހު އެޓީމުގެ އެންމެ ދަށް ނަތީޖާއެވެ.


