ޗާލްޓަން ބަލިކޮށް ޓޮޓްނަމް އީއެފްއެލް ކަޕުގެ ތިންވަނަ ބުރަށް
27 އޯގަސްޓު 2026 - 04:14

ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ބްރެންޓްފޯޑް އަތުން 3-0 އިން ލިބުނު ބައްޔަށް ފަހު، ޓޮޓްނަމް ހޮޓްސްޕާއިން އީއެފްއެލް ކަޕުގެ ދެވަނަ ބުރުގައި ޗާލްޓަން އެތުލެޓިކް 5-1 ގެ ބޮޑު ތަފާތަކުން ބަލިކޮށް ތިންވަނަ ބުރަށް ދަތުރުކޮށްފިއެވެ. މި މެޗުގައި ޓޮޓްނަމަށް ކުޅުނު ފުރަތަމަ މެޗުގައި މެންޗެސްޓަރ ސިޓީއިން އެޓީމާ އަލަށް ގުޅުނު ސަވިއޯ ވަނީ އޭނާގެ ހުނަރު ދައްކާލާފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ޓޮޓެންހަމަށް ލީޑު ނަގައިދިނީ ޒުވާން ކުޅުންތެރިޔާ މައިކީ މޯއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން އުޅެނިކޮށް ޑޮމިނިކް ސޮލަންކޭ ވަނީ ޓޮޓްނަމްގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކެވިން ޑަންސޯ މެޗުގެ 67 ވަނަ މިނެޓުގައި ބޮލުން ޖަހައި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ.

Ad by Hajj Corporation
މެންޗެސްޓާ ސިޓީން 85 މިލިއަން ޕައުންޑަށް ޓޮޓްނަމާއި ގުޅުނު ސަވިއޯ ކުޅެން އެރީ މެޗުގެ ފަހު 19 މިނެޓަށެވެ. އޭނާ ވަނީ 82 ވަނަ މިނެޓުގައި ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިގެން ޓޮޓްނަމަށް އޭނާގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ސަވިއޯ ފޮނުވާލި ހަމަލާއެއް ބެން ޑޭވިސްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަދެ ފަސްވަނަ ލަނޑު ލިބުނުއިރު، ޗާލްޓަންގެ ހަމައެކަނި ލަނޑު 87 ވަނަ މިނެޓުގައި ކާމިޔާބުކުރީ ލޮއިޑް ޖޯންސްއެވެ.
މި މެޗުގައި 19 އަހަރުގެ މައިކީ މޯ ވަނީ އެއް ލަނޑު ޖަހައި، އިތުރު ލަނޑެއް ޖެހުމަށް އެހީތެރިވެދީ މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ މި މެޗުގައި ޓީމުގެ އެހެން ކުޅުންތެރިންނަށް ވުރެ ގިނައިން ޑްރިބްލް ކުރުމާއި ޑުއެލްތައް ކާމިޔާބުކޮށްފައެވެ. ކޯޗު ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ކުޅޭ ޓޮޓްނަމަށް މިއީ އަންނަ ހޮނިހިރު ދުވަހު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ލިބުނު މުހިންމު އިތުބާރެކެވެ.

-01.jpg&w=3840&q=75)
