''ކަމަނަ'' އަށް ކަރްނާޓަކާ ފިލްމު ފެސްޓިވަލުގައި 3 އެވޯޑު، މިއީ ރާއްޖެއަށް ލިބުނު ބޮޑު ޝަރަފެއް
29 ޑިސެމްބަރު 2025 - 07:38

5 ވަނަ ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލުގައި ރާއްޖޭގެ 'ކަމަނާ' ފިލްމުން 3 އެވޯޑު ހާސިލުކޮށްފިއެވެ.
ސެޓަރން ސްޓޫޑިއޯ އިން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ބެސްޓް ޑައިރެކްޓަރގެ އެވޯޑު ހުސައިން މުނައްވަރު (ކުޑަފޫޅު)، ބެސްޓް ލީޑިންގ އެކްޓަރގެ އެވޯޑު ޔޫސުފް ޝަފީޢު (ޔޫއްޕެ) އަށް ބެސްޓް ލީޑިންގ އެކްޓްރެސްގެ އެވޯޑު މަރިޔަމް ޢައްޒަ (އައްޒަ) އަށް ލިބިފައިވާކަން ފާހަގަކޮށްފައެވެ.

Ad by Hajj Corporation
ކިޑް ޕްރޮޑަކްޝަނާއި ސެޓަރން ސްޓޫޑިއޯ އިން ގެނެސްދިން މި ފިލްމަކީ ރާއްޖޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލްމެކެވެ. ފައިބެއަހަރުގެ އޮގަސްޓް 27 ން ފެށިގެން މާލޭގެ އޮލިމްޕަސް ސިނަމާގައި ހައުސްފުލް ޝޯވތަކެއް ވަނީ ދައްކާފައެވެ. އެއަށްފަހު، ލިބުނު ތަރުހީބަށް ބަލާ، ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ޝޯވތައް އިތުރުކޮށްފައިވާއިރު، ހުރިހާ ޝޯވއެއްވެސް ވަނީ ހައުސްފުލްވެފައެވެ. އަދި އަތޮޅުތަކުން ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
ފިލްމު 'ކަމަނާ' ބެލި މީހުންގެ ކޮމެންޓުތަކަށް ބަލާއިރު، މިއީ 'މެގަހިޓް' އެއް ކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ. އަދި މުޅި ފިލްމު ކްރޫއަށް އައްސަރިބަހާއި ސާބަސް ވެސް ރައްދުކޮށްފައި ވެއެވެ.
"އަނިޔާކުރުމާ އަހަރެން ދެކޮޅު" ނަމުގައި ކުރިޔަށްގެންދާ ކެމްޕެއިނުގެ ދަށުން ގެނެސްދިން މި ފިލްމަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވި ޒުވާން އަންހެނެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ވާހަކައަކަށް އުފައްދާފައިވާ ފިލްމެކެވެ. ޕްރޮޑިސަރުންނަކީ ފިލްމު "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސަރ ޝާނިޒް އަލީ އާއި ހުސެން މުނައްވަރުއެވެ.
އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާ، މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ ރިޝްފާ އަބްދުލްސަމަދުއެވެ. މަހުދީ އަހުމަދުގެ ސްކްރީން ޕްލޭލިޔެފައިވާ މި ފިލްމު ޑައިރެކްޓަރަކީ ހުސެން މުނައްވަރުއެވެ. ހއ. މޮޅަދޫގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުގެ ލީޑް ތަރީންގެ ތެރޭގައި މަރްޔަމް އައްޒަ އާއި ޔޫސުފް ޝަފީޢު، އާމިނަތު ރަޝްފާ (އާޝާ) ހިމެނެއެވެ. އަދި ނަތާޝާ ޖަލީލް އާއި މުހައްމަދު މަނިކު އާއި ދަރާ މުހައްމަދު ރަޝީދު ވެސް މުހިންމު ރޯލްތަކުން ފެނިގެންދެއެވެ.


