މޯލްޑިވިއަންގެ ބޭރާއި އެތެރޭގެ ދަތުރުތަކުގެ ޑިމާންޑް ބޮޑުވެ، އެތެރޭގެ 17 މަންޒިލަކަށް 3،700 އަށް ވުރެ ގިނަ ފްލައިޓް ޝެޑިއުލްކޮށްފި
29 ޑިސެމްބަރު 2025 - 10:27

ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތަކުގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި ދުވަސްވަރަކީ ގިނަ ބަޔަކު ދަތުރުފަތުރުކުރާ ދުވަސްވަރަކަށް ވުމުން، އެތެރޭގެ އުދުހުންތަކާއި ބޭރުގެ މަންޒިލްތަކަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި، މި މަހުން ފެށިގެން އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެތެރޭގެ އުދުހުންތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ވަނީ ފްލައިޓްތައް އިތުރުކޮށްފައެވެ. އެގޮތުން ރާއްޖޭގެ 17 މަންޒިލަކަށް 3،700 އަށް ވުރެ ގިނަ ފްލައިޓް ވަނީ ޝެޑިއުލްކޮށްފައެވެ. މި ފްލައިޓްތަކުން ޖުމްލަ 197،000 މީހުންނަށް ދަތުރުކުރުމުގެ ޖާގަ ލިބިގެންދާނެ ކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.

Ad by Hajj Corporation
ބޭރުގެ ދަތުރުތަކަށް ބޮޑު ބަދަލެއް
ބޭރުގެ މަންޒިލްތަކަށް ބަލާއިރު، ސްކޫލް ޗުއްޓީއާ ދިމާކޮށް އުމްރާއަށް ދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް 20 އަށް ވުރެ ގިނަ ދަތުރު ޝެޑިއުލްކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
މީގެ އިތުރުން، ދިވެހިންގެ މެދުގައި މަގުބޫލު އިންޑިއާގެ ދެ މަންޒިލް ކަމަށްވާ ކޮޗިން އަދި ޓްރިވެންޑްރަމަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން، އެ ދެ މަންޒިލަށް ކުރާ ފްލައިޓްތަކުގެ އަދަދު ވަނީ ހަފްތާއަކު 5 އަށް އިތުރުކޮށްފައެވެ. އަދި ތައިލެންޑްގެ ބެންކޮކް އަދި މެލޭޝިއާގެ ކުއަލަލަންޕޫރުގެ ކޮންމެ މަންޒިލަކަށް ޖުމްލަ ހަތަރު ފްލައިޓް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.
މޯލްޑިވިއަން އިން ދަނީ ޗުއްޓީ ދުވަސްވަރު ދަތުރުވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ވީހާވެސް ގިނަ ބަޔަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.


