އެސްޕަޔާ / ރިނޯން ފްލެއާ ޗެމްޕިއަންޝިޕްގެ 10 އަހަރުން ދަށުގެ ޕްލޭޓް ކެޓަގަރީގެ ޗެމްޕިއަންކަން މަގޫދޫ އެކަޑެމީ ހޯދައިފި
29 ޑިސެމްބަރު 2025 - 12:42

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ އެސްޕަޔާ / ރިނޯން ފްލެއާ ޗެމްޕިއަންޝިޕްގެ 10 އަހަރުން ދަށުގެ ޕްލޭޓް ކެޓަގަރީގެ ގެ ޗެންޕިއަންކަން ފ. މަގޫދޫ ކައުންސިލްގެ ފުޓްބޯޅަ އެކަޑެމީ ހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލަށް މަގޫދޫ އެކަޑެމީދިޔައީ ލަންކާގެ ފުޓްބޯލް ލެބު ސެމީ ފައިނަލުގައި ބަލިކޮށްގެންނެވެ.

Ad by Hajj Corporation
މިމަހުގެ 28 އަދި 29 ވަނަ ދުވަހު ސްރީލަންކާގެ ކޮލަމްބޯ ޔުނިވާސިޓީ ގްރައުންޑްގައި ކުރިޔަށް ދިޔަ މިމުބާރާތުގެ ފައިނަލުގައި މަގޫދޫ ފުޓްބޯޅަ އެކަޑެމީ ވާދަކުރީ ލަންކާގެ ކޫރޭ އެކަޑެމީއާދެކޮޅަށެވެ. މިމެޗުގެ ފުރިހަމަ ވަޤުތުހަމަވިއިރު ދެފަރާތުންކުރެ އެއްވެސްޓީމަކަށް ލަނޑެއް ނުޖެހުމުން ޗެންޕިއަންޓީމު ކަނޑައަޅަންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި މަޤޫދޫގެ އެކަޑެމީ ކާމިޔާބުކުރީ 3-2 އިންނެވެ.


މިއީ ރާއްޖެއިން ބޭރުގެ މުބާރާތެއްގައި މަގޫދޫއަށް ނިސްބަތްވާ ޓީމެއް ތަމްސީލުކުރި ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ އެސްޕަޔާ ފުޓްބޯލް އެކަޑަމީ އާއި ސްރީ ލަންކާގެ ވަރުގަދަ ކްލަބް، ރިނޯން އިން ގުޅިގެން ކުރިއަށްގެންދާ މުބާރާތަކީ، ދިވެހި އެކަޑަމީ އަކުން ރާއްޖޭން ބޭރުގައި މި ގޮތަށް އިސްނަގައިގެން ކުރިއަށްގެންދާ ފުރަތަމަ މުބާރާތެވެ. ރާއްޖޭގެ ފަސް އެކަޑަމީ އަކާއި ލަންކާގެ އަށް އެކަޑަމީއެއް، ހަތަރު އުމުރުފުރާ (8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް އަދި 14 އަހަރުން ދަށް) ކެޓަަރީތަކުގައި އެކި ޓީމުތައް މި މުބާރާތުގައި ވާދަކޮށްފައިވެއެވެ.


