ފްލެޓުތައް އަޅަން ދިވެހި ކުންފުނިތަކާވެސް ހަވާލުކުރާނެ، އަންނަ މަހު 3000އަށްވުރެ ގިނަ ފްލެޓްގެ އަމަލީ މަސައްކަތް ފަށާނެ: ބީއެމްއެލް
29 ޑިސެމްބަރު 2025 - 15:48

ގައުމީ ބޭންކް- ބީއެމްއެލް އެފޯޑަބަލް ހައުސިން ޔުނިޓްތަކުގެ މަސައްކަތް ދިވެހި ކުންފުނިތަކާ ހަވާލުކުރުމަށް ނިންމާފައިވާކަމަށާއި އަދި ޖުމްލަ 3000 އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ މަސައްކަތް ޖަނަވަރީ މަހު ފެށޭނެ ކަމަށް ބޭންކުން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސަޢީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައިވަނީ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން މިއަދު މަސައްކަތް ހަވާލުކުރި ހައުސިން ޔުނިޓްގެ އިތުރުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާއެކު އިތުރު ހައުސިންގ ޔުނިޓްގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާފައެވެ. މިއާއެކު ޖުމްލަ 3000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަންނަ ޖަނަވަރީ މަހު ފެށިގެންދާނެކަމަށް ސަޢީދު ވިދާޅުވިއެވެ.

Ad by Hajj Corporation
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުންނި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އެފޯޑަބަލް ހައުސިންގ ޔުނިޓްތަކުގެ އިމާރާތްކުރުމުގެ ދެ މަޝްރޫއުގެ މަސައްކަތް މިއަދު ވަނީ ހަވާލުކޮށްފައެވެ.
އައިއެންއޭއެޗް ފްރޭމްވޯކާ އެއްގޮތަށް ހިންގޭ މި މަޝްރޫއުތަކުން ފެންވަރު ރަނގަޅު ހައުސިން ޔުނިޓްތައް އިމާރާތްކޮށް ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ނިންމާނެކަމަށް ބޭންކުން މައުލޫމާތުދެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕާއި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަންއާއެވެ.
މި މަސައްކަތްތަކުގެ ތެރެއިން ބީޔޫސީޖީ ބީޔޫސީޖީއާ ހަވާލުކޮށްފައި ވަނީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު ތަރައްގީކުރުމަށެވެ. ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން ސީއެމްއީސީ ހުޅުމާލޭގައި 1،224 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ސީއެމްއީސީއާ ވަނީ ހަވާލުކޮށްފައެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އުފައްދާފައިވަނީ އެމްއެމްއޭގެ އައިއެންއޭއެޗް ސިޔާސަތު ތަންފީޒުކުރުމަށް ހާއްސަކޮށްފައިވާ ބެންކުގެ ސަބްސިޑަރީއެއްގެ ގޮތުގައެވެ. އަދި މި ކުންފުނި ހިންގަމުންދަނީ އެމްއެމްއޭގެ ހުއްދައާއެކު ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.


