މާލީ އެހީއަށް އެދުނީ 57 މީޑިއާ، ޝަރުތު ހަމަވީ 41 މީޑިއާ
30 ޑިސެމްބަރު 2025 - 05:30

އަމިއްލަ މީޑިއާތަކަށް މިއަހަރު ދޭ މާލީ އެހީތެރިކަމަށް ޖުމްލަ 57 މީޑިއާއަކުން އެދިފައިވާ ކަމަށާއި އޭގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއާއެއް ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފިއެވެ.
ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 25 ވަނަ ދުވަހުއެވެ.
2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށް، ލައިސަސް ލިބި، މެދުނުކެނޑި ހިންގަމުންދާ އަމިއްލަ މީޑިއާތަކަށް ހާއްސަކޮށް ހުޅުވާލި ފުރުސަތުގައި މާލީ އެހީތެރިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކަށް ލިބޭ މާކްސް ޕޯޓަލްގެ ތެރެއިން އާންމުކޮށް ފެންނަން ހުންނާނެ ގޮތަށް ޝާއިއުކުރެވިފައިވާނެކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެއެވެ.
އަމިއްލަ މީޑިއާތަކަށް މިއަހަރު ދޭ މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތުގައި 57 މީޑިއާއަކުން އެހީތެރިކަމަށް އެދުނުއިރު އޭގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއާއެއްކަމަށް ކޮމިޝަނުން ވަނީ މައުލޫމާތުދީފައެވެ.

Ad by Hajj Corporation
އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވުމާއެކު، ޝަކުވާއަށް ހުޅުވާލުމުން ކޮމިޝަނަށް ލިބުނު 8 ޝަކުވާގެ ތެރެއިން ރިވިއު ކޮމިޓީން ބަލައި ދިރާސާކުރުމަށްފަހު، އޭގެ ތެރެއިން 3 ފަރާތެއްގެ ޝަކުވާ ބަލައިގެންފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ. ކޮމިޝަނުން މާކްސްދޭ މިންގަނޑަށް ބަލާއިރު، މިޑީއާތަކަށް 2025 ވަނަ އަހަރު މާލީ އެހީތެރިކަން ދިނުމުގެ އުސޫލުގެ ދަށުން މާކްސް ދިނުމުގައި ބަލާފައިވާނީ މީޑިއާގެ މުއްދަތަށާއި، މުވައްޒަފުންގެ އަދަދަށާއި މީޑިއާ ނުވަތަ މީޑީއާ ހައުސްގެ ކުރިއެރުވުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްލޭނަށާއި ކޮންޓެންޓުގެ ބާވަތަށާއި މުވައްޒަފުންގެ ތައުލީމީ ފެންވަރަށާއި ތަޖުރިބާއަށް އަދި އިދާރީ އިންތިޒާމުތަކަށް ކަމަށް އެމްއެމްބީސީން މައުލޫމާތުދެއެވެ.
ޝަރުތު ހަމަވާ ކޮންމެ މީޑިއާއަކަށް ޖުމްލަ ލިބޭ އަދަދު އެއް ޕޭމަންޓެއްގެ ގޮތުގައި މިއަހަރު ލިބިގެންދާއިރު ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ މީޑިއާތަކަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.


