މީޑިއާ ކޮމިޝަނަށް ޝަކުވާ ހުށަހެޅުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު ގެޒެޓްކޮށްފި
28 އޭޕްރީލު 2026 - 10:41

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.
ގަވާއިދު ނަންބަރު 2026/R-26 ގެ ގޮތުގައި ގެޒެޓްކޮށްފައިވާ މި ގަވާއިދަކީ ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 63 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ މަޤުޞަދަކީ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައިގަތުމާއި، އެ މައްސަލަތައް ކުރިއަށް ގެންދާނެ ސާފު އިޖުރާއާތުތަކެއް ކަނޑައެޅުމާއި، އިންސާފުވެރިކަމާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން މައްސަލަތައް ތަޙުޤީޤުކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މި ގަވާއިދުގެ ދަށުން ޝަކުވާ ހުށަހެޅޭނީ ގަވާއިދުގައި ހިމެނޭ ފޯމު މެދުވެރިކޮށް ނުވަތަ ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ. އަދި ކޮންޓެންޓާ ގުޅުންހުރި މައްސަލައެއް ނަމަ، އެ ކޮންޓެންޓެއް ޝާއިޢުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި ޝަކުވާ ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން ޤާނޫނާ ޚިލާފުވާ ކަމަށް ކޮމިޝަނަށް ފެނިއްޖެ ނަމަ، ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީން ވެސް މައްސަލަ ބެލުމުގެ ބާރު ލިބިގެންވެއެވެ.
ގަވާއިދުގައި ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އޮތް ފަރާތްތަކާއި ނޫސް މަޖައްލާތަކާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާ މެދު ފިޔަވަޅުއެޅުމުގެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. ޝަކުވާ ރައްދުވާ ފަރާތަށް ލިޔުމުން ޖަވާބުދާރީވުމަށް 7 ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށާއި ޤާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ޙައްޤު ވެސް ލިބިގެންވާ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.


