ވުލްވްސް ޖެހިޖެހިގެން 11 މެޗުން ބަލިވުމުން ޔުނައިޓެޑުން އާއަހަރުގެ ހަދިޔާދީފި
31 ޑިސެމްބަރު 2025 - 05:50

އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން 11 މެޗުން ބަލިވަމުން އައި ވޫލްވްސްއަށް ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި އާއަހަރުގެ ހަދިޔާއަކަށް އެއް ޕޮއިންޓް ދީފިއެވެ. އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި ޖޯޝުއާ ޒާކްޒީ ފޮނުވާލި ހަމަލާއެއް ވުލްވްސްގެ ލަޑިސްލާވް ކްރެޖްޗީގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަދެ ޔުނައިޓެޑަށް ކުރިލިބުނެވެ. މިއީ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ޒާކްޒީ އަމިއްލަ ދަނޑުގައި ޖެހި ފުރަތަމަ ލީގު ލަނޑެވެ.

Ad by Hajj Corporation
ޔުނައިޓެޑުން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ވުލްވްސް އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހުވަގުތުގައި ލިބުނު ކޯނަރެއް ބޮލުން ފޮނުވާލައިގެން ވުލްވްސް ގެ ހަމައެކަނި ލަނޑުވަނީ ކާމިޔާބުކޮށްފައެވެ.
ލީގުގެ އެންމެ މޮޅެއްވެސް ނުލިބި ވުލްވްސް އޮތީ ތާވަލުގެ އެންމެ ފުލުގައެވެ. މިއީ 1902-03 ވަނަ އަހަރަށްފަހު އިނގިރޭސި މަތީ ފަންތީގެ ލީގެއްގައި ޓީމަކުން މިފަދަ ނަތީޖާއެއް ނެރުނު ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުން އެއްވަރުވުމާއެކު ތާވަލުގެ ގަދަ ހަތަރަކަށް ޔުނައިޓެޑް އަށް އެރުމަށް ލިބުނު ފުރުސަތުވަނީ ގެއްލުވާލާފައެވެ.


