logo
Bank of Maldives

Bank of Maldives

ޚަބަރު

އަންހެނުންގެ ހެދުން ދެން ހުންނަން ޖެހޭނީ ފަލަމަސްގަނޑަށްވުރެ ކުރު ނުވާގޮތަށް، ލިބާހެއް ވެސް ލެވިދާނެ

ޢައްފާން މުޙައްމަދު
31 ޑިސެމްބަރު 2025 - 06:19
އަންހެނުންގެ ހެދުން ދެން ހުންނަން ޖެހޭނީ ފަލަމަސްގަނޑަށްވުރެ ކުރު ނުވާގޮތަށް، ލިބާހެއް ވެސް ލެވިދާނެ

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުން ހެދުން އެޅުމާ ގުޅޭ ގަވާއިދު އިސްލާހުކޮށްފިއެވެ.

ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 އަށް ގެނައި އެ ބަދަލުގައި ވަނީ ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުން ހެދުން އަޅަން ޖެހޭ ގޮތްތައް ވަކިވަކިން ފާހަގަކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިވިލް ސަރވިސް މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް ފަހަކަށް އައިސް އިޖުތިމާޢީ މިންގަނޑަށްވުރެ ދަށްވެފައިވާ ކަމުގެ ޝަކުވާތައް ގިނަ ބަޔަކު ވަނީ ސަރުކާރާ ހިއްސާކޮށްފައެވެ. މި ޝަކުވާތަކާ ގުޅިގެން އެ މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ދަންނަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައެވެ.

އެމަނިކުފާނު ވިދާޅުވީ މީގެ ކުރިން ސިވިލް ސާވިސްގެ މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދުގައި ވަރަށް ރަނގަޅު މިންގަނޑެއް އޮތް ނަމަވެސް 2014ވަނަ އަހަރު އެ މިންގަނޑުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި ކުރީގެ މިންގަނޑާ އެއްގޮތަށް އަލުން އަމަލުކުރުމަށް ސީއެސްސީގައި ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސީއެސްސީން 2014 ގައި އަމަލުކުރަން ފެށި، މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތުގެ ގަވާއިދުގައިވާ ގޮތުން މުވައްޒަފުން ރަސްމީ ގަޑި އާއި ނުރަސްމީ ގަޑީގައި އޮފީހުގައި އަދި އޮފީހުގެ މަސައްކަތުގައި ތިބެން ވާނީ ޚިދުމަތް ހޯދަންދާ މީހުންގެ ކުރިމަތީގައި މުވައްޒަފާއި އޮފީހުގެ ގަދަރާއި ހައިބަތު ހިފަހައްޓައި، ސާފުތާހިރު، އެކަށީގެންވާ ނަލަ ހެދުމެއްގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އިސްތަށިގަނޑާއި ބޮލާއި ތުނބުޅި ބަލަހައްޓައި ދިވެހި މުޖުތަމައު ގަބޫލުކުރާ އަޚުލާގީ ހަމަތައް ހިފެހެއްޓޭ ގޮތުގައި ތިބުމާއި ލައިގެން ހުންނަ ހެދުމަކީ، އެ ހެދުން އަޅާ މުވައްޒަފު ދޭންޖެހޭ ހިދުމަތުގެ ބާވަތުން، އެ ހިދުމަތެއް ދިނުމަށް ދަތިވާ ހެދުމަކަށް ވެގެން ނުވާނެ ކަމަށް އެ ގަވާއިދުގައިވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ނެރުނު އިސްލާހުގައި ވަނީ މުވައްޒަފުން ހެދުން އެޅުމާ ގުޅޭ އެ މާއްދާ ބަދަލުކޮށްފައެވެ.

އޭގައި ބުނެފައި ވަނީ، އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ބޭނުންކުރެވިދާނެ ކަމަށެވެ. އެފަދަ ހެދުންތައް ހުންނަންވާނީ ފައިގެ ތަނބިކަށްޓަށްވުރެ ކުރުނުވާ ގޮތަށް ކަމަށާއި އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ ހެދުމަކަށް ވެސް ވާންޖެހޭނެކަމަށް ބުނެފައިވެއެވެ.

ހެދުމުގެ މަތީބައި، ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅާފައި ހުންނަ ނަމަ، ފަޅާފައި ހުންނަ ބައި ހުންނަންވާނީ މައްޗަށް އަތް ދަމާލީމާ އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް ކަމަށް ވެސް އޭގައި ބުނެފައިވެއެވެ.

މީގެއިތުރުން، މިފަދަ ހެދުންތަކުގެ ދިގުމިން ހުންނަންވާނީ ބުޑުގެތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށްވުރެ ކުރު ނުވާ ވަރަށް ކަމަށް ވެސް ގަވައިދުގައި ބުނެފައިވެއެވެ.

ސިވިލް ސަރވިސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި ތިބެންވާނީ ގަމީހާއި ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ. ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ބުސް ގަމީސް ބޭނުންކުރެވިދާނެ ކަމަށާއި ބެގީ ބަހައްޓަން ވީގޮތާއި ގަހަނާގެ ގޮތުގައި އަނގޮޓިއެއް ފިޔަވައި އިތުރު އެއްޗެއް ނޭޅޭނެކަންވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން އިސްތަށިގަނޑުގައި ކަޅުކުލަ ނޫން ފާޅުކަން ބޮޑު ކުލައެއް ޖެއްސުމާއި ޝޭޑްކޮށް، ހައިލައިޓް ކުރުން ސިވިލް ސަރވިސް މުވައްޒަފުންނަށް މަނާވާނެއެވެ.

ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ސަޕޯޓް ސަރވިސް ގިންތީގައި ހިމެނޭ މުވައްޒަފުން ހެދުން އަޅަންޖެހޭ ގޮތްވެސް މި އިސްލާހުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންހެނުންގެ ހެދުން ދެން ހުންނަން ޖެހޭނީ ފަލަމަސްގަނޑަށްވުރެ ކުރު ނުވާގޮތަށް، ލިބާހެއް ވެސް ލެވިދާނެޚަބަރު | ގަޑިއިރެއް ކުރިންރައީސް ސީއެސްސީގެ ރައީސްއާއި ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފިޚަބަރު | 3 މަސް ކުރިން