ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީނަށް ދާއިިމީ ކޯޓާދޭ އުސޫލު ބަދަލުކޮށްފި
31 ޑިސެމްބަރު 2025 - 11:10

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ވަޒީފާދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދިވެރިކޮށް ދާއިމީ ކޯޓާ ދޫކުރުމުގެ އުސޫލުތަކަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބަދަލު ގެނެސްފައެވެ.
މިގޮތުން މާދަމާއިން ފެށިގެން ދާއިމީ ކޯޓާ ދޫކުރާ މަސައްކަތްތަކަށް ވަރކް ސައިޓް ރަޖިސްޓްރީ ކޮށްދެވޭނީ، މިހާރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން ނޮޓޮރައިޒް ކޮށްފައިވާ "ވަރކް ސައިޓް ޑިކްލަރޭޝަން ފޯމު" އަދި އިޤްރާރު ހުށަހެޅުމުންކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ. މި ފޯމު އަދި އިޤުރާރު އެކްސްޕެޓް ސިސްޓަމްގެ ހޯމްޕޭޖުގައި ވަނީ ހިމަނާފައެވެ. އަދި ވަރކް ސައިޓް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ލިޔެކިއުންތަކުގެ އިތުރުން ވުޒާރާއިން އިތުރަށް ކަމެއް ސާފުކުރަން ޖެހިއްޖެ ހާލަތައްގައި، ސައިޓް ރަޖިސްޓަރީކުރަނީ ކުއްޔަށް ހިފާތަނެއްގައި ކަމުގައިވަނީ ނަމަ، ވަޒީފާދޭ ފަރާތާއި އިމާރާތް ނުވަތަ ބިމުގެ ވެރިފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީއާއި އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުމަށް އެންގުމުގެ އިޚްތިޔާރު ލިބިގެންވާކަމަށް ވުޒާރާއިން ބުނެއެވެ.

Ad by Hajj Corporation
މިހާރު ދާއިމީ ކޯޓާ ދޫކުރެވި ރަޖިސްޓަރީކޮށްފައިވާ ސައިޓްތަކުގެ މަޢުލޫމާތު އަދާހަމަކުރުމުގެ ގޮތުން، 2026 ޖަނަވަރީ 31 ވަނަ ދުވަހުގެ ކުރިން "ވަރކް ސައިޓް ޑިކްލަރޭޝަން ފޯމު" އަދި އިޤްރާރު، ރަޖިސްޓަރީކޮށްފައިވާ ސައިޓުގެ "ޑޮކިއުމަންޓް އަޕްޑޭޓް ރިކުއެސްޓް" ނުވަތަ "ސައިޓް ޕަރމިޓް އަޕްޑޭޓް" މެދުވެރިކޮށް ހުށަހެޅުމަށް ހުރިހާ ވަޒީފާދޭ ފަރާތްތަކަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކުގެ ސައިޓްތައް ސަސްޕެންޑް ކުރާނެކަމަށް ވުޒާރާއިން ބުނެއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ބޮޑު އޮޕަރޭޝަނެއްދަނީ ހިންގަމުންނެވެ.


