ރުޤްޔާކުރުމުގެ ނަމުގައި ޖިންސީ ގޯނާކުރި ބަޔަކު ޖަލަށް
31 ޑިސެމްބަރު 2025 - 13:47

ރުޤްޔާ ކުރުމުގެ ނަމުގައި އަންހެނަކާއި 18 އަހަރު ނުފުރޭ ތިން ކުޑަކުއްޖަކަށް ޖިސްމާނީ ހާނިކަކޮށް، ޖިންސީ ގޯނާކުރި މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ ބޮޑު ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
މި މައްސަލާގައި ހުކުމް ކޮށްފައިވަނީ ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލް އާއި އެ ރަށު މިރިހިމާގެ އިސްމާޢީލް ވަޙީދުގެ މައްޗަށެވެ.

Ad by Hajj Corporation
މި މައްސަލާގައި އެންމެ ބޮޑު އަދަބެއް ކަނޑައަޅާފައިވަނީ މުޙައްމަދު އަޞީލްގެ މައްޗަށެވެ. އޭނާގެ މައްޗަށް ހަތް ދަޢުވާއެއް ސާބިތުވެ، ޖުމްލަ 25 އަހަރާއި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އޭނާގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމާއި، ކުޑަކުއްޖެއްގެ ކުރިމަތީގައި ޖިންސީ ޢަމަލެއް ހިންގުމާއި، ޖިންސީ ގޯނާކުރުމުގެ އިތުރުން ކުޑަކުއްޖަކު އެކްސްޕްލޮއިޓް ކުރުން ހިމެނެއެވެ.މީގެ އިތުރުން ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި، އަނިޔާއެއް ދިނުމާއި، މީހެއްގެ ގައިގައި އަތްލުމުގެ ކުށްވެސް އަޞީލްގެ މައްޗަށް ވަނީ ސާބިތުވެފައެވެ.
މި މައްސަލައަކީ 2020 ވަނަ އަހަރުގެ ތެރޭގައި އެކި ދުވަސްމަތިން ހިންގާފައިވާ އަމަލުތަކަކާ ގުޅިގެން 30 ޑިސެންބަރު 2020 ގައި ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ.
މި މައްސަލާގައި ދެން ހިމެނޭ އިސްމާޢީލް ވަޙީދުގެ މައްޗަށް ފަސް ދަޢުވާއެއް ސާބިތުވެ، 6 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށާއި، ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށެވެ.
އިސްމާޢީލް ވަޙީދުގެ މައްޗަށްވެސް ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ދަޢުވާއާއި، ދެ މައްސަލައެއްގައި މީހެއްގެ ގައިގައި އަތްލުމުގެ 2 ދަޢުވާ ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ކްރިމިނަލް ކޯޓުން މި މައްސަލާގައި ހުކުމް ކުރައްވާފައިވަނީ 31 ޑިސެންބަރު 2024 ގައެވެ.
މި މައްސަލައަކީ ރުޤްޔާ ކުރުމުގެ ނަމުގައި އާންމުންގެ އިތުބާރު ހޯދައިގެން، އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާދޭ މައްސަލަތައް ހުއްޓުވުމަށް ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކާމިޔާބު ކުރެވުނު މައްސަލައެކެވެ.


