ވަގަށް އަނބު ބިން މީހަކު ހަތަރު މަހަށް ޖަލަށް!
14 ޖެނުއަރީ 2026 - 10:56

ގެއެއްގައި ހުރި އަނބު ގަހަކުން، ވަގަށް އަނބު ބިން މީހަކު ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އޭނާ އަނބު ބިނީ މާލޭގެ ލިލީމަގުގައި ހުރި ގެއެއްގައި ހުރި ގަހަކުންނެވެ.

Ad by Hajj Corporation
ގ. ކަންޒުދޮށުގޭގެ އަނބު ގަހުން ވަގަށް އަނބު ބިން މައްސަލާގައި، ދައުލަތުން ދައުވާކުރީ މުހައްމަދު ނަސީރު ނަމަކަށް ކިޔާ މީހަކަށެވެ. އޭނާގެ މައްޗަށް ދައުވާ ކުރީ އެ ގޭގައި ހުރި އަނބު ގަހުން ޖުމްލަ 127 އަނބު، ވަގަށް ބިނދެފައިވާތީއެވެ.
އޭނާގެ މައްޗަށް އުފުލި ވައްކަން ކުރުމުގެ ކުށަށް އޭނާ ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ.
އޭނާގެ އިއުތިރާފަށް ރިއާޔަތްކޮށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅިއިރު، ދައުލަތުން ބުނެފައިވަނީ އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، އަދަބު އެއް ދަރަޖަ ދަށް ކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް، އޭނާގެ ކުށުގެ ރެކޯޑަށް ބަލައި، އަދަބު ދެ ދަރަޖަ މަތި ކުރަން ވެސް ޖެހޭ ކަމަށް ބުންޏެވެ.
ދައުވާ ލިބޭ މީހާ އެދުނީ ލުއި އަދަބެއް އިއްވުމަށެވެ.
ނަމަވެސް، ޝަރީއަތުން ނިންމީ އޭނާގެ މައްޗަށް ކުށުގެ އަސާސީ އަދަބު ކަމަށްވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ.
މީގެ ކުރިން މާލޭ، ޕާކިން ޒޯނެއްގައި ހުރި އަނބު ގަހަކުން ވަގަށް އަނބު ބިން ދެ މީހަކު ހައްޔަރުކޮށް ބަންދުކޮށްފައި ވެއެވެ.
ފުލުހުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނޫ 38 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.


