މިދިޔަ ހަފްތާގައި މާލެ ސަރަހައްދުގައި 50 އެކްސިޑެންޓު
22 އޭޕްރީލު 2026 - 04:51

މިދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުގައި ނުރައްކާތެރި ގިނަ އެކްސިޑެންޓުތަކެއް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފްތާގައި މާލެ ސަރަހައްދުގައި ޖުމްލަ 50 އެކްސިޑެންޓު ވަނީ ހިނގާފަ އެވެ. މީގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ މާލޭގަ އެވެ.

Ad by Hajj Corporation
އެގޮތުން މާލޭގައި 36 އެކްސިޑެންޓު ހިނގާފައިވާއިރު، ސިނަމާލެ ބުރިޖު ސަރަހައްދުގައި 14 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާތަކުގައި ޖުމްލަ 49 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން ހިނގާފައިވަނީ ސައިކަލު އެކްސިޑެންޓްތަކެވެ. އެގޮތުން ސައިކަލާއި ސައިކަލު ޖެހިގެން 19 ހާދިސާއެއް ހިނގާފައިވާއިރު، ސައިކަލާއި ކާރު ޖެހިގެން 13 ހާދިސާއެއް ވަނީ ހިނގާފަ އެވެ.
މި އެކްސިޑެންޓުތަކުގެ ތެރެއިން 49 ހާދިސާއެއްގައި މީހުންނަށް ކުދި އަނިޔާ ލިބިފައިވީ ނަމަވެސް، އެއް ހާދިސާއެއްގައި މީހަކަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.
ދުއްވާ އެއްޗެއްގައި އުޅުނަސް ނުވަތަ މަގުމަތީގައި ހިނގާފައި އުޅުނަސް، ފަރުވާތެރިކަމާއެކު ގަވާއިދުތަކަށް ބޯލެނބުމަކީ މިފަދަ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުކަން ހަނދާންކޮށްދީ ފުލުހުން ބުނީ، މަގުތަކަކީ އަމާން ތަނަކަށް ހެދުމަށްޓަކައި އެކަކު އަނެކަކަށް އަޅާލައި، ފަރުދީ ޒިންމާ އަދާކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
މިފަދަ ހާދިސާތައް އިތުރުވަމުންދާތީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ ފަރާތްތަކަކުން ވެސް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.


