18 އަހަރުގެ އަންހެނަކު ނިޔާވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި
21 އޭޕްރީލު 2026 - 16:26
.jpg&w=3840&q=75)
މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި 18 އަހަރުގެ އަންހެނަކު ނިޔާވި ހާދިސާއެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 2026 އޭޕްރީލް 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

Ad by Hajj Corporation
މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭގެ ދަންވަރުގެ ވަގުތެއްގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ގދ. ތިނަދޫ، ދެނޫނު، އުމުރުން 18 އަހަރުގެ މަރަޔަމް ހާސިދާ އެވެ. އޭނާ ދިރިއުޅެމުން އައީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މަރުގެ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގަޔާއި އެނޫންވެސް ވަސީލަތްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކާއި، އަސާސެއް ނެތް ތުހުމަތުތަކުގެ އިތުރުން ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، ސައްހަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތު ފެތުރުމަކީ މަރުހޫމްގެ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމަކަށް ވުމުގެ އިތުރުން، ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެކެވެ.
އެހެންކަމުން، ސައްހަކަން ކަށަވަރުނުކުރެވޭ މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.


