ލ. ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެ
21 އޭޕްރީލު 2026 - 16:08

ލ. ހިތަދޫ މޫދުގައި މިއަދު ހަވީރު މަސްހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު އަމާން، އަޙްމަދު ހަމްޒާން (21އ) އެވެ.

Ad by Hajj Corporation
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 15:42 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް އެޓެންޑްވެ، އެ ޒުވާނާ ވަނީ ވަގުތުން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.
ނަމަވެސް، ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ، އެ ޒުވާނާ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ގޮތާ ގުޅޭގޮތުން އެނގިފައިވާ ގޮތުގައި، ހަމްޒާން މަރުވީ މޫދު އަޑީގައި މަސް ހިފަން ބަޑި ޖަހައި، އޭގެ ނަނު ނައްޓަން އުޅުމުގެ ތެރޭގައެވެ. ބެލެވޭ ގޮތުގައި ނަނު އޭނާގެ އަތުގައި އޮޅުމުގެ ސަބަބުން، ނޭވާ ހުސްވި އިރުވެސް މައްޗަށް ނޭރި ތާށިވީއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ހިތަދޫގެ ރައްޔިތުން ތިބީ ފުން ހިތާމައެއްގައެވެ. ފުލުހުން ގެންދަނީ މި މައްސަލައިގައި އިތުރަށް ސާފުކުރަންޖެހޭ މައުލޫމާތުތައް އެއްކުރަމުންނެވެ.


