ޔާމީން ރަޝީދުގެ މަރު: މައްސަލަ އަލުން ބެލުމަށް، ތުހުމަތުކުރެވޭ މީހުން ޝަރީޢަތް ނިމެންދެން ބަންދަށް
31 ޑިސެމްބަރު 2025 - 15:48

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުންގެ ހުކުމް ހައިކޯޓުން ބާތިލުކޮށް، އެ މީހުން މިއަދު މިނިވަން ކުރި ނަމަވެސް، މައްސަލަ އަލުން ބެލުމަށް މި މީހުން އަލުން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ޔާމީން ރަޝީދު މަރާލީ އޭޕްރީލް 23، 2017 ގައި އޭނާ ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. އޭނާގެ ހަށިގަނޑުގެ 30 ތަނަކަށް ހަމަލާ ދީފައިވެއެވެ.

Ad by Hajj Corporation
މި މައްސަލައިގައި ކުށް ސާބިތުވީ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. އެ މައްސަލައިގައި އެ ދެ މީހުން އުމުރަށް ޖަލަށް ލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.
އެ މައްސަލައިގައި އިތުރު ހަތަރު މީހެއްގެ މައްޗަށް ވެސް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލިއެވެ. ނަމަވެސް، އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހަތަރު މީހުންނަކީ ގދ. ގައްދޫ، ސިންދުބާދުގެ، މުހައްމަދު ދިފްރާންއާއި، މ. ކުދެހިގެ، ހަސަން ޝިފާޒާއި، މ. ތާއިފް، އިސްމާއީލް ރަޝީދު އަދި، ކޮޅުފުށި، އީސްޓް، ހުސައިން ޒިޔާދެވެ.
އޭގެ ތެރެއިން ދިފްރާނާއި އިސްމާއީލް ރަޝީދުގެ މައްޗަށް ދައުވާ ސާބިތުނުވި މައްސަލަ, ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އޮތީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ދައުވާ ސާބިތުވި ހައިޝަމާއި ޒިހާންގެ ފަރާތުން ވެސް އެ މީހުންގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ، ކުށް ސާބިތުވާ ކަމަށް ދަށު ކޯޓުން ކަނޑައެޅި ހައިޝަމާއި ޒިހާންގެ ޖަލު ހުކުމް ބާތިލުކޮށްފައެވެ. އެހެންވެ، އެ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބަލަން ވަނީ އަމުރުކޮށްފައެވެ.
ހައިކޯޓުން އެ ހުކުމް ކުރި ފަހުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހައިޝަމާއި ޒިހާންގެ ބަންދާމެދު ގޮތެއް ކަނޑައަޅައިދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. އެ ހުށަހެޅުމާ ގުޅިގެން، ކްރިމިނަލް ކޯޓުން ވަނީ ހައިޝަމާއި ޒިހާން މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.


