މި ފެށުނު އަހަރަކީ ޤައުމުތަކާ އޮތް ގުޅުން އިތުރަށް ބަދަހިވާނެ އަހަރަކަށްވާނެކަމަށް އުއްމީދުކުރަން: ރައީސް
1 ޖެނުއަރީ 2026 - 05:58

މި ފެށުނު އައު އަހަރަކީ، ބޭރު ޤައުމުތަކާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އެއްޤައުމުން އަނެއް ޤައުމަށްދޭ އެއްބާރުލުން އިތުރުވެގެންދާނެ އަހަރަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މީލާދީ އައު އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ބޭރު ޤައުމުތަކުގެ އިސް ވެރިންނަށާއި، ސަރުކާރުތަކަށާ، ބައިނަލްއަޤުވާމީ ޖަމާޢަތްތަކުގެ ވެރިންނަށް އަރިސްކުރައްވައި ފޮނުއްވި މެސެޖުގައެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ، ރަޙްމަތްތެރި ޤައުމުތަކުގެ ވެރިންނަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، މީލާދީ އައު އަހަރުގެ މުނާސަބަތުގައި އެ ޤައުމުތަކުގެ ވެރިންނަށާއި، ޤައުމުތަކުގެ ސަރުކާރުތަކަށާއި، ރައްޔިތުންނަށް، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އައު އަހަރުގެ ތަހުނިޔާއާއި ހެއުއެދުންތައް ފޮނުއްވާފައިވެއެވެ. އަދި މިފެށޭ އައު އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި އަދި ކާމިޔާބު އަހަރަކަށް ވުމަށް އުއްމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ، ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުގެ ވެރިންނަށް ވަކިވަކިން ފޮނުއްވި އައު އަހަރުގެ ތަހުނިޔާގެ މެސެޖުތަކުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށާއި، ދުނިޔޭގެ ހާލަތު ރަނގަޅުކުރުމަށް އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިއެވެ.


