މިއަދުން ފެށިގެން ސިޔާސީ ޕާޓީތަކުން ވަގުތުން ވަކިވެވޭ ގޮތް ހަދައިފި
1 ޖެނުއަރީ 2026 - 10:45

ސިޔާސީ ޕާޓީތަކަށް ރަޖިސްޓަރީވުމަށާއި ޕާޓީން ވަކިވުމުގެ ހުރިހާ ކަންކަން އިތުރަށް ލުއިފަސޭހަކޮށް، އަވަސް ކުރުމުގެ ގޮތުން ބަދަލުތަކެއް ގެނެސް އަމަލުކުރަން ފަށައިފިއެވެ.
އެގޮތުން މިހާރު އަމަލުކުރަމުން ގެންދާ އުސޫލުތަކަށް ކޮމިޝަނުން ގެންނަން ނިންމާފައިވާ ބަދަލުތަކަކީ:

Ad by Hajj Corporation
· ސިޔާސީ ޕާޓީގެ ދަފުތަރުގައި މެންބަރުން ރަޖިސްޓަރީކުރުން
· ސިޔާސީ ޕާޓީގެ ދަފުތަރުން މެންބަރުކަމުން ވަކިވުން
· ސިޔާސީ ޕާޓީއަކުން، އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް އެދި ހުށަހެޅުން ހިމެނެއެވެ.
މިއަދު އަމަލުކުރަންފެށި އުސުލުގެ ދަށުން ސިޔާސީ ޕާޓީގެ މެންބަރުންގެ ގޮތުގައި ދަފުތަރުކުރުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ރިކުއެސްޓް ޕާޓީން ޕްރޮސެސްކުރުމަށް ސިޔާސީ ޕާޓީތަކަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާއިރު މި މުއްދަތު ހަމަވާއިރު، ރިކުއެސްޓް ޕާޓީއިން ޕްރޮސެސްކޮށްފައި ނުވާނަމަ، އެފަރާތެއް ޕާޓީގައި ރަޖިސްޓަރީ ވާނެއެވެ.
ސިޔާސީ ޕާޓީގެ ދަފުތަރުން ވަކިވުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކުގެ ރިކުއެސްޓް، ވަގުތުން ވަކިވާނޭހެން ބަދަލުގެނެސްފައިވާ ނަމަވެސް ކޮމިޝަނުގައި ދަފްތަރުކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްމަޤާމުތަކުގައި ތިއްބަވާ މެންބަރުން ޕާޓީއިން ވަކިވާނަމަ ނުވަތަ އެހެން ޕާޓީއަކަށް ރަޖިސްޓަރީކުރާނަމަ، ކޮމިޝަނުގައި ދަފުތަރުކުރެވިފައިވާ ސިޔާސީ ޕާޓީގެ އިސްމަޤާމުން ވަކިވުމަށް ހުށަހަޅަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
ސިޔާސީ ޕާޓީއަކުން، އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލްގެ ލޮގިން މެދުވެރިކޮށް ޕާޓީން ވަކިކުރުމަށް ރިކުއެސްޓުކުރުމުން ޕާޓީން ވަކިވާނެއެވެ.


