ފަތުރުވެރިން ކުރި ހޭދަ ރެކޯޑު އަދަދަކަށް އިތުރުވެ، 5.4 ބިލިއަން އެމެރިކާ ޑޮލަރަށް
1 ޖެނުއަރީ 2026 - 11:55

2025 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިން ކޮށްފައިވާ ހޭދައިގެ (ޓްރެވަލް ރިސީޓްސް) މިންވަރު ރެކޯޑު އަދަދަކަށް އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ނޮވެމްބަރު މަހު އާންމުކޮށްފައިވާ ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތުގެ ރިޕޯޓުން ދައްކާ ގޮތުން މިއަހަރު ޓްރެވަލް ރިސީޓްސްގެ ގޮތުގައި ރާއްޖެއަށް 5.4 ބިލިއަން އެމެރިކާ ޑޮލަރު ވަދެފައި ވެއެވެ.

Ad by Hajj Corporation
އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން 2025ގެ މި މުއްދަތާ ހަމައަށް ޓްރެވަލް ރިސީޓްސްގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ މިންވަރު 2024ގެ މި މުއްދަތާ އަޅާ ބަލާއިރު 15.8 އިންސައްތަ އިތުރެވެ. މިއީ 2025ގައި ދުނިޔެއަށް އަދި ސަރަހައްދީ ގައުމުތަކަށް ކުރިމަތިވި އިގްތިސާދީ ލޮޅުންތަކާ އެކު ވެސް، ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ އެއާޕޯޓު ޓެކްސް އަދި ފަތުރުވެރިންގެ އަތުން ނަގާ މުދަލާ ހިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ)އަށް ބަދަލުތަކެއް ގެނައުމަށް އިއުލާނުކުރުމާ ގުޅިގެން، ފަތުރުވެރިކަމުގެ ސިނާއަތުގެ ތަޖުރިބާކާރުންގެ މެދުގައި ތަފާތު ބަހުސްތަކެއް ކުރެވުނުކަމަށެވެ. މި ފިޔަވަޅުތަކާ ދެކޮޅަށް ވެސް ގިނަ ހިޔާލުތަކެއް ފާޅުކުރެވި، ފަތުރުވެރިކަމުގެ ސިނާއަތް ވަރުގަދަކޮށް ދެމެހެއްޓޭނެ ކަމާމެދު ސުވާލު އުފައްދާފައި ވީނަމަވެސް، 2025 ވަނަ އަހަރު ފަތުރުވެރިކަމުގެ ރޮނގުން ގިނަ ކާމިޔާބީތަކެއް ރާއްޖެއިން ވަނީ ހާސިލްކޮށްފައިވާކަން ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރެއެވެ.
ކުރިއެރުންތަކުގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 10 އިންސައްތަ އިތުރުވުމާއި، ފަތުރުވެރިކަމުގެ މައި މާކެޓުތަކުން ހޯދި ކުރިއެރުންތަކާއި، ބެޑް ކެޕޭސިޓީ އިތުރުވުމާއި، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ އަދަދު އިތުރުވުމަކީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ގޮތުގައި ވިޒިޓް މޯލްޑިވްސްއިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން 2025ގެ ލޯ-ސީޒަން ދުވަސްވަރު ވެސް ރެކޯޑު މިންވަރަކަށް ފަތުރުވެރިކަން ރަނގަޅުވުމާއި، މަހުން މަހަށް ރާއްޖެއަށް ޒިޔާރަތްކުރާކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދިއުމާއި، ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށް ކުރެވުނު އެކި މަސައްކަތްތަކާއި، ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށް ގެންދެވިފައިވާ ކާމިޔާބު ހަރަކާތްތައް ވެސް މިކުރިއެރުމުގައި ބޮޑު ހިއްސާއެއް އަދާކުރާކަން ވިޒިޓް މޯލްޑިވްސްއިން ފާހަގަކޮށްފައިވެއެވެ.
ހިސާބުތަކަށް ބަލާއިރު ކޮވިޑް-19ގެ ބަލިމަޑުކަމުގައި ބަންދުކޮށްފައި އޮތް ޗައިނާގެ ބޯޑަރުތައް ހުޅުވާލުމާ އެކު އެގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު 22 އިންސައްތައަށް އިތުރުވެ، ރަޝިޔާ އިން ފަތުރުވެރިކަމުގެ މާކެޓުގެ 20 އިންސައްތަ ހިއްސާ ވަނީ ހޯދާފަ އެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުގެ އޮކިއުޕެންސީ އާންމުގޮތެއްގައި ދަށްވާ މައްސަލައަށް ހައްލެއް ގެނައުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ސިނާޢަތުގެ ބައިވެރިންނާ އެކު ވަރަށް ގާތުން މަސައްކަތްކޮށްފަ އެވެ. މި ކޯޕަރޭޝަނުން ކުރިއަށް ގެންދިޔަ ކެމްޕެއިންތަކާއި، އެކި ސިޔާސަތުތައް ބިނާކުރުމުގައި ސިނާއަތުގައި ހުންނަ މައިގަނޑު މައްސަލަތަކަށް ހައްލުހޯދުމަށް މަސައްކަތް ކުރެވުނެވެ. 2026 ވަނަ އަހަރަށް އަމާޒުކޮށް ވެސް މި ކޯޕަރޭޝަނުން ވަނީ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފަ އެވެ.
ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަމުގެ ބޮޑެތި މަޝްރުއޫތަކާއި، މަޝްހޫރު ބްރޭންޑްތަކުގެ ރެސިޑެންސީތައް އަދި ބައިނަލްއަޤުވާމީ ފެންވަރިގެ ރިސޯޓުތައް ހުޅުވިގެން ދިއުމާ އެކު، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ތަރައްގީކުރުމަށް ވަނީ ރޭވިފައިކަންވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
"ފޯބްސް ޓްރެވަލް ގައިޑުގައި، ލަގްޒަރީ ފަތުރުވެރިކަން ތަރައްގީކުރުމަށް ރާއްޖެއަކީ އެންމެ ރަނގަޅު އެއް ތަނުގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ. 2025 ވަނަ އަހަރު ރާއްޖެއިން ވަނީ ދުނިޔޭގެ އެންމެ ޝަރަފްވެރި ފަތުރުވެރިކަމުގެ އެވޯޑު، ވޯލްޑްސް ޓްރެވަލް އެވޯޑްސްގައި ހަވަނަ ފަހަރަށް "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން"ގެ ޝަރަފު ހޯދާފަ އެވެ. މިއީ ވިދިވިދިގެން މި އެވޯޑު ހަފަހަރަށް ގައުމަކަށް ލިބުނު ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ރާއްޖެއާއި ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކަކަށް ކޮންޑޭ ނާސްޓް ޓްރެވެލާ އެވޯޑު ލިބުމާއި، މިޝެލިން ކީ ރިކޮގްނިޝަން ފަދަ ތަފާތު ގިނަ ކާމިޔާބީތަކެއް 2025 ވަނަ އަހަރުގެ ތެރޭގައި ވަނީ ލިބިފަ އެވެ." ވިޒިޓް މޯލްޑިވްސް
ވިޒިޓް މޯލްޑިވްސް ސިޔާސަތުތަށް ގެންނަ ބަދަލާ އެކު، ލަގްޒަރީ ފަތުރުވެރިކަމާއި، މަތީ ފެންވަރުގެ ތަޖުރިބާތައް އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާކަމަށާއި މިގޮތުން ސުޕަ ޔޮޓަށް ހާއްސަ ކެމްޕޭނަކާއި، މަތީ ފެންވަރުގެ ދަތުރުފަތުރުގެ ޑިމާންޑް އިތުރުކުރުމަށްޓަކައި، 40 އަށް ވުރެ ގިނަ ބައިނަލްއަޤުވާމީ ޓުއަރ އޮޕަރޭޓަރުންނާއި އެއަރލައިންތަކާ ގުޅިގެން މަސައްކަތްކޮށްފައިވާކަމަށް ކުންފުނިން ބުނެއެވެ.
ކުންފުނިން ބުނީ 2025 ވަނަ އަހަރު ސޯޝަލް މީޑިއާ ޕާފޯމެންސް ރަނގަޅުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ސަބަބުން ރާއްޖޭގެ ބްރޭންޑަށް ދުނިޔޭގެ ފެންވަރުގައި ލިބޭ މަގުބޫލުކަން އަންނަނީ އިތުރުވަމުންކަމަށެވެ.


