ސަފާރީއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި
2 ޖެނުއަރީ 2026 - 10:30

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ހުއްދަ ނުނަގައި، ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޝޭކަރު ހޮސައިން، އިންޑިއާ (34އ) އާއި ރަސެލް މިއާ، ބަންގްލަދޭޝް (35އ) އާއި ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ، ސްރީލަންކާ (27އ) އާއި ތަރަކަ ސަމަން ކުމާރަ ދޭވަ، ސްރީލަންކާ (35އ) އަދި ހ. ބިންމަތީއާގެ / މާލެ، މުޙައްމަދު މަނިކު (52އ) އެވެ.

Ad by Hajj Corporation
އެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.
ފުލުހުން ބުނީ، ޑިސެމްބަރު 31 ވަަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ސަފާރީ ބަލައިފާސްކުރިއިރު 102 ފުޅި ބަނގުރާ އަދި 218 ދަޅު ބަނގުރާ ފެނިފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝޭކަރު ހޮސައިން(34އ) އާއި ރަސެލް މިއާ (35އ) ފަސްދުވަހަށް، ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ (27އ) އާއި ތަރަކާ ސަމަން ކުމާރަ ދޭވަ (35އ) ހަތްދުވަހަށް އަދި މުޙައްމަދު މަނިކު (52އ) ތިންދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.


