އިންޑިއާގެ ފުޓްބޯޅަ ސަލާމަތްކޮށްދިނުމަށްއެދި ކުޅުންތެރިން ސޯސަލް މީޑިއާގައި އާދޭސްކުރަން ފަށައިފި
3 ޖެނުއަރީ 2026 - 04:22
.png&w=3840&q=75)
އިންޑިއާގެ ފުޓްބޯޅަ ހިންގުމުގެ ނިޒާމު ބޮއްސުންލައި، އިންޑިއަން ސުޕަ ލީގު (އައިއެސްއެލް) ކުރިއަށް ގެންދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތުމުން، އެ ގައުމުގެ މަޝްހޫރު ކުޅުންތެރިން ސޯސަލް މީޑިއާގައި ދުނިޔޭގެ ފުޓްބޯޅަ ފެޑެރޭޝަން (ފީފާ) އާއި ފިފްޕްރޯ (FIFPro) ގެ އެހީތެރިކަމަށް އެދި އާދޭސްކޮށްފިއެވެ.
2026 ވަނަ އަހަރު ފެށިގެން ކުރިއަށްދާއިރު، ލީގަށް ބޭނުންވާ ކޮމާޝަލް ޕާޓްނަރެއް ނުލިބުމުގެ ސަބަބުން މި ސީޒަންގެ އައިއެސްއެލް ބޭއްވޭނެ ކަމުގެ އެއްވެސް ކޮޅެއް އަދިވެސް ފެންނާކަށް ނެތެވެ. އާންމުކޮށް ސެޕްޓެމްބަރު މަހު ފަށާ މި މުބާރާތް ހުއްޓިފައި އޮތުމުގެ ސަބަބުން ކުޅުންތެރިންނާއި، ކްލަބްތަކާއި އަދި މުވައްޒަފުން ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

Ad by Hajj Corporation
"ސޭވް އިންޑިއަން ފުޓްބޯލް" ގެ ނަމުގައި އާންމުކުރި ވީޑިއޯއެއްގައި، އިންޑިއާގެ ފުޓްބޯޅަ އިދާރާތަކަށް އެ ފަރާތްތަކުގެ ޒިންމާ އަދާނުކުރެވޭ ކަމަށް ކުޅުންތެރިން ވަނީ ބުނެފައެވެ. މިއީ އިންސާނީ، އިގްތިސާދީ އަދި ކުޅިވަރުގެ ބޮޑު ކާރިސާއެއްގެ ގޮތުގައި ސިފަކުރަމުން، ކުޅުންތެރިން ބުނީ އިންޑިއާގެ ފުޓްބޯޅަ އޮތީ "ދާއިމީ ވާގިނެތުމަކާ" ދިމާލަށް މިސްރާބު ޖަހާފައި ކަމަށެވެ. އެހެންކަމުން، ކުޅިވަރުގެ މުސްތަގުބަލު ސަލާމަތްކުރުމަށް ފީފާ އިން މިކަމުގެ ތެރެއަށް ވަނުމަށް ވަނީ ގޮވާލާފައެވެ.
"މިއީ ޖެނުއަރީ މަސް، އަހަރެމެން މިހާރު ތިބެންޖެހޭނީ ވާދަވެރި ފުޓްބޯޅަ ކުޅުމުގައި،" ކުޅުންތެރިން ބުނެފައިވެއެވެ. މި އިލްތިމާސަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި، މިއީ މަޖުބޫރުވެގެން ކުރާ ކަމެއް ކަމަށް ބުނެ، ކުޅުންތެރިން ވަނީ ކްލަބްތަކާއި ސަޕޯޓަރުންނަށް ސާފު މަގުޗާޓެއް ބޭނުންވާ ކަމަށް ބުނެފައެވެ.
މި ވީޑިއޯގައި އިންޑިއާގެ ގައުމީ ޓީމުގެ ތަރިން ކަމަށްވާ ސުނިލް ޗެތްރީ، ގުރްޕްރީތު ސިންގް ސަންދޫ، ސަންދޭޝް ޖިންގަން އަދި ޕްރިތަމް ކޮޓާލް ފަދަ ކުޅުންތެރިންގެ އިތުރުން ބޭރުގެ ބައެއް ކުޅުންތެރިންވެސް ބައިވެރިވެފައިވެއެވެ.
މި މައްސަލައިގައި އައިއެސްއެލް ކްލަބްތަކާއި އޯލް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) އާ ދެމެދު ވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ. 2025-26 ގެ ކުރު ސީޒަނެއްގައި ބައިވެރިވުމަށް ފެޑެރޭޝަނުން އެދުމުން، 14 ކްލަބްގެ ތެރެއިން 13 ކްލަބަކުން ވަނީ މާލީ ޒިންމާތަކާއި ހަރަދުތައް ބަހާލާނެ ގޮތުގެ ޔަގީންކަމެއް ލިބުމުން ނޫނީ ލީގުގައި ބައިވެރިނުވާނެ ކަމަށް ބުނެފައެވެ.


