މޯލްޑިވިއަނުން އަލުން ބަންގްލަދޭޝްއަށް ދަތުރުތައް ފަށަނީ
3 ޖެނުއަރީ 2026 - 06:22

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބަންގްލަދޭޝްއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ކުރާ ޝެޑިއުލްޑް ދަތުރުތައް އަލުން ފަށަން ނިންމައިފިއެވެ.
މޯލްޑިވިއަނުން ބުނީ، މި ދަތުރުތައް އަލުން ފަށަން ނިންމާފައިވަނީ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް ބަލައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކަމަށެވެ.

Ad by Hajj Corporation
މި ދަތުރުތައް ފަށަން ނިންމާފައި ވަނީ މާރިޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.
މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި އާދީއްތަ ދުވަހުއެވެ. ދަތުރުތަކުގެ ވަގުތުތައް ރޭވިފައިވަނީ ފަތިހުގެ ވަގުތެއްގައި ޑާކާއަށް ފޯރާ ގޮތަށެވެ. މީގެ ސަބަބުން އެހެން މަންޒިލްތަކަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ކަނެކްޓިން ފްލައިޓްތައް ލިބޭނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.
މޯލްޑިވިއަނުން މައުލޫމާތު ދިން ގޮތުގައި، ދަތުރުތައް އަލުން ފަށާ ދުވަސްވަރަކީ ރަމަޟާން މަސް ނިމި އީދު ބަންދާ ދިމާވާ ދުވަސްވަރަކަށް ވުމުން، މިއީ އީދު ބަންދަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށާއި، އަމިއްލަ ގައުމަށް އެނބުރިދާ ބަންގްލަދޭޝް މީހުންނަށް ލިބޭނެ ބޮޑު ފަސޭހައަކަށްވާނެއެވެ.
މި ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 399 އެމެރިކާ ޑޮލަރު އިންނެވެ. މީގެ އިތުރުން، ކޮންމެ ފަސިންޖަރަކަށް 30 ކިލޯގެ ޗެކްޑް ބެގޭޖް އެލަވަންސް އާއި ފްލައިޓްގައި ކެއުމުގެ ހިދުމަތް ލިބޭނެ ކަމަށާއި، މި ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.
މޯލްޑިވިއަނުން ބުނީ، ޓިކެޓް ބުކް ކުރުމަށް މޯލްޑިވިއަންގެ ވެބްސައިޓް، މޯބައިލް އެޕްލިކޭޝަން ނުވަތަ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 26 ބޯޓެއް ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330 މަރުކާގެ މަތިންދާބޯޓަކާއި، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާބޯޓަކާއި، ޑޭޝް 8 މަރުކާގެ 8 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.


