ސަރުކާރުގެ މަސައްކަތްތައް ހުއްޓުވައިގެން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ކުދި ވިޔަފާރިތަކަށް: ވަޒީރު ސައީދު
3 ޖެނުއަރީ 2026 - 10:58

ސަރުކާރުން އަޅަމުންދާ އިގްތިސާދީ ފިޔަވަޅުތަކާއި، މަސައްކަތްތައް ހުއްޓުވައިގެން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ކުދި ވިޔަފާރިތަކަށް ކަމަށް އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް ފެށި "ތަރުޖަމާނު ޕޮޑްކާސްޓް" ގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ވަޒީރު ސައީދު އިތުރަށް ވިދާޅުވީ،ނިމިދިޔަ ސަރުކާރުން މި ސަރުކާރަށް ވާރުތަވި އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކާއި މައްސަލަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ހައްލުތަކެއް ހޯއްދަވައިދެއްވާފައިވާ ކަމަށާއި،ރައީސް މުއިއްޒުގެ އަމާޒަކީ އިގްތިސާދީ ހަރަކާތްތެރިކަން އިތުރުކޮށް، އޭގެ މަންފާ ރައްޔިތުންނަށް ހޯއްދަވައިދެއްވުން ކަމަށްށެވެ.
ވަޒީރު ސައީދު ފާހަގަކުރެއްވި ގޮތުގައި، މިއަހަރާއި އަންނަ އަހަރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން އެންމެ މުހިންމު ފިޔަވަޅުތައް އަޅާނެ ދެ އަހަރެވެ. މިއަހަރަކީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، ސަރުކާރުގެ މަޝްރޫއުތައް އިތުރަށް ފުޅާކޮށް، ވިޔަފާރިތަކަށް ސީދާ ފައިދާ ކުރާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
މި ޕޮޑްކާސްޓްގައި ވަޒީރު ވަނީ ރައީސް މުއިއްޒުގެ އިގްތިސާދީ ތަސައްވުރަކީ ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް، ވިޔަފާރިވެރިންނަށް ކުރިއަށް ދެވޭނެ މަގުތައް ކޮށައިދިނުންކަން ތަކުރާރުކޮށް ވިދާޅުވެފައެވެ.


