މޫސާ ޖަލީލް ކަމެއް ޖެހުނީމާ އެނާޖީ ނެތިގެން އާފްޓަނޫން ނެޕެއް ނުނަގާނެ:ވަޒީރު ސައީދު
4 ފެބްރުއަރީ 2026 - 06:10

މޫސާ އަލީ ޖަލީލަކީ ކަންކަން ކުރިމަތިވުމުން ހާސްވެވަޑައިގެން ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށާއި އަދި ކަމެއް ޖެހުނީމާ ގައިގަ އެނާޖީ ނެތިގެން އާފްޓަނޫން ނެޕު ނަގާނެ ބޭފުޅެއް ނޫންކަމަށް އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިފަދައިން ވިދާޅުވީ ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މާލޭ ސިޓީ ކައުންސިލުގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަަތްކުރާ ކޮމިޓީގެ އެ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކޮންގުރެސް ޕާޓީގެ ކެންޑިޑޭޓުގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުންނެވެ.

Ad by Hajj Corporation
މީގެއިތުރުން ވަޒިރު ވިދާޅުވީ، މޫސާ އަލީ ޖަލީލްއަކީ މާލޭ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އޭނާގެ ކިބައިން ޖޯޝާއި ހިތްވަރު ދައްކާނެ ބޭފުޅެއްކަމަށެވެ.
ވަޒީރު ސައީދު އިތުރަށް ވިދާޅުވީ،ރާއްޖޭގެ ތާރީހުގައި ވެރިކަން ކުރެއްވުމަށް ކެމްޕެއިން ކުރައްވާ ވީ ހުރިހާ ވައުދެއް ފޮތެއްގައި ޗާޕް ކުރައްވާފައި ކައުންސިލް ތަކަށް ފޮނުވާ ޕަބްލިޝް ކުރެއްވި ރައީސް އަކީ ހަމައެކަނި ރައީސް ޑރ.މުހައްމަދު މުއިއްޒު ކަމަށެވެ.
އެއާ ހިލާފަށް ކުރީގައި ވެރިކަން ކުރެއްވި ބޭފުޅުން ބަލަނީ ވައުދެއް ވެފައި އަވަހަށް އެ ވައުދެއް ފޮރުވާ،އަދި ޑެލިވާ ކުރުމުގެ ބަދަލުގައި އެ ވައުދެއް ރައްޔިތުން ހަނދާން ނެތޭ ވަރު ކޮށްފައި ދެން އެވާހަކަ ނުދައްކާ އަޅާނުލާ ތިބުންކަމަށް ވަޒީރު ސައީދު ފާހަގަ ކުރެއްވިއެވެ.
އަދި ރައީސްގެ ސިޔާސަތުތަކުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ބޭނުންވާ އެތައް ކަމެއް ހިމެނޭ ކަމަށާއި، މާލޭ ސިޓީގެ މޭޔަރުކަމަށާއި ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުކަމަށް ރައީސްގެ ޓީމު އިންތިހާބުވެވަޑައިގަތުމުން އެ ހުރިހާ ކަމެއްވެސް ތަންފީޒުކުރައްވައި ނިންމަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރައީސްގެ ތަސައްވުރާ އެއްގޮތަށް މަސައްކަތްކުރާނެ ކެންޑިޑޭޓުން އިންތިހާބުކުރުމަކީ އެ ތަސައްވުރު ހަލުއި ދުވެލީގައި ތަންފީޒުކުރުމަށް ލިބިގެންދާ އިތުރު ހިތްވަރަކަށް ކަމަށެވެ.


