އައުރަ ނިވާވާ ގޮތަށް ހެދުން އަޅަން އެންގުން އެމްޑީޕީން ސިފަކުރަނީ ފަރުދީ މިނިވަންކަމަށް ހުރަސްއެޅުމުގެ ގޮތުގައި!
3 ޖެނުއަރީ 2026 - 13:02

ސަރުކާރުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ އައު ހެދުން އެޅުމުގެ މިންގަނޑަކީ ފަރުދީ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އެކަށައަޅާފައިވާ މިންގަނޑެއް ކަމަށް އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ - އެމްޑީޕީން ސިފަކޮށްފިއެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ސިވިލް ސަރވިސްއަށް ނިސްބަތްވާ މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް ގެނައި ބަދަލުތަކަކީ، ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސްއެޅުމަށާއި، ޒާތީ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ. އެހެންވެ، އެކަން އެމްޑީޕީގެ އަންހެނުންގެ ރޫހުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

Ad by Hajj Corporation
އެމްޑީޕީން ބުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭހަމަހަމަކަމާއި، ތަފާތުނުކުރުމާއި، އަދި ފަރުދީ މިނިވަންކަން ރައްކާތެރިކުރުމުގެ ހައްގަށް މިއުސޫލުތަކުގެ ސަބަބުން ސީދާ ހުރަސްއެޅޭ ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކަކީ މިފަދަހައްގުތައް ހިމާޔަތްކުރަންޖެހޭ ތަންތަންކަމުގައިވީ ނަމަވެސް، މިހާރު ހާމަވެގެން މި ދަނީ ބާރުގެ ބޭނުންކޮށްގެން އަންހެނުންގެ "އެޕިއަރެންސް" މޮނިޓަރ ކުރުމަށް މަސައްކަތްކުރާކަން ކަމުގައިވެސް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން ބުނި ގޮތުގައި، މަސައްކަތުގެ ފެންވަރާއި ޕްރޮފެޝަނަލިޒަމް ބިނާވާންޖެހޭނީ މުވައްޒަފުގެ ގާބިލުކަމާއި،ނެރެދޭ ނަތީޖާއާއި، އަދި ދޭ ހިދުމަތުގެ ފެންވަރުގެ މައްޗަށެވެ. އަދި އަންހެން މުވައްޒަފުންގެ ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލައަކީ އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ މިންގަނޑުތަކެއް ނޫން ކަމަށާއި އެހެންކަމުން، މިއީ ޕްރޮފެޝަނަލިޒަމްގެނަމުގައި، އަންހެނުންނާ ދެކޮޅަށް ހިންގާ ތަފާތުކުރުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން، އެ ޕާޓީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، މިނިވަން މުއައްސަސާތަކާއި، އަދި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މި ފަދަ އުސޫލެއް ނުހިންގައި، ހަމަ އެކަނި ސިވިލް ސަރވިސްއަށް ނިސްބަތްވާ އަންހެން މުވައްޒަފުންގެ މައްޗަށް މި ފަދަ އުސޫލެއް ތަންފީޒުކުރުމުން، މިއީ މުވައްޒަފުންގެ އަހްލާގާ ގުޅޭ އުސޫލެއް ނޫންކަމާއި، ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއްކަން އެނގިގެންދެއެވެ.
ހަމައެހެންމެ، އަހްލާގު ނެގެހެއްޓުމުގެ ޒިންމާ އަންހެނުންގެ ބޮލުގައި އަޅުވައި، މުޖުތަމައުގެ އަހްލާގީމިންގަނޑު ހިފެހެއްޓުމަކީ ހަމައެކަނި އަންހެނުންގެ ހެދުން އެޅުމާ ގުޅިފައިވާ ކަމެއްގެގޮތުގައި ދެއްކުމަކީ، އަންހެނުންނަށް ކުރެވޭ ވަރަށް ބޮޑު އިހާނެތިކަމެއް ކަމަށާއި މި ފަދަސިޔާސަތުތަކުގެ ސަބަބުން، މުއައްސަސާތަކުގެ ހިންގުމާއި ހިދުމަތްތަކަށް ދޭންޖެހޭސަމާލުކަން ކުޑަވެ، މަސައްކަތުގެ މާހައުލަކީ އަންހެނުންނަށް ނުތަނަވަސްކަން އޮންނަތަނަކަށް ބަދަލުވެގެންދިއުމުގެ ބިރު އެބައޮތް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނި ގޮތުގައި، އެ ޕާޓީން ދެކެނީ، މި ފަދަ ހަރުކަށި އުސޫލުތަކުގެ ބޭނުމަކީ، އަންހެނުންގެ ހެދުން އެޅުމާއި ސިފައަށް ބަލައި،ވަޒީފާގެ ކުރިއެރުން ނުދިނުމާއި ނުވަތަ އަދަބު ދިނުންފަދަ ކަންކަން ކުރަން ފެށުންކަމަށެވެ. މިއީ، އަންހެނުން ވަޒީފާގެ މާހައުލުން އެކަހެރިކޮށް، ގައުމު ހިންގުމުގެ ދާއިރާއިން ބޭރުކޮށްލުމަށް ޓަކައި ނިޒާމީ ގޮތެއްގައި ފަށައިފައިވާ ނުރައްކާތެރި މަސައްކަތެއް ކަމަށްވެސް އެ ޕާޓީން ތުހުމަތުކުރިއެވެ.
އެމްޑީޕީން މިފަދަ ބަޔާނެއް ނެރުނު ނަމަވެސް، ދިވެހިރާއްޖެއަކީ 100 އިންސައްތަ މުސްލިމް ގައުމެއް ކަމަށްވާތީ މިފަދަ ހެދުން އެޅުމުގެ މިންގަނޑެއް އޮތުން މުހިންމުކަމުގައި ދިވެހީންގެ ގިނަ މީހުން ދެކެއެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު، ހާއްސަ ގޮތެއްގައި ދީނީ ދައުވަތު ފެތުރުމުގައި މަސައްކަތްކުރާ މީހުން އަންނަނީ ސިވިލް ސަރވިސް ކޮމިޝަނަށް ތައުރީފުކުރަމުންނެވެ.
ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 އަށް ގެނައި އެ ބަދަލުގައި ވަނީ ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުން ހެދުން އަޅަން ޖެހޭ ގޮތްތައް ވަކިވަކިން ފާހަގަކޮށްފައެވެ.
ސިވިލް ސަރވިސް މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް ފަހަކަށް އައިސް އިޖުތިމާޢީ މިންގަނޑަށްވުރެ ދަށްވެފައިވާ ކަމުގެ ޝަކުވާތައް ގިނަ ބަޔަކު ވަނީ ސަރުކާރާ ހިއްސާކޮށްފައެވެ. މި ޝަކުވާތަކާ ގުޅިގެން އެ މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ދަންނަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައެވެ.
އެމަނިކުފާނު ވިދާޅުވީ މީގެ ކުރިން ސިވިލް ސަރވިސްގެ މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދުގައި ވަރަށް ރަނގަޅު މިންގަނޑެއް އޮތް ނަމަވެސް 2014ވަނަ އަހަރު އެ މިންގަނޑުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި ކުރީގެ މިންގަނޑާ އެއްގޮތަށް އަލުން އަމަލުކުރުމަށް ސީއެސްސީގައި ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ސީއެސްސީން 2014 ގައި އަމަލުކުރަން ފެށި، މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތުގެ ގަވާއިދުގައިވާ ގޮތުން މުވައްޒަފުން ރަސްމީ ގަޑި އާއި ނުރަސްމީ ގަޑީގައި އޮފީހުގައި އަދި އޮފީހުގެ މަސައްކަތުގައި ތިބެން ވާނީ ޚިދުމަތް ހޯދަންދާ މީހުންގެ ކުރިމަތީގައި މުވައްޒަފާއި އޮފީހުގެ ގަދަރާއި ހައިބަތު ހިފަހައްޓައި، ސާފުތާހިރު، އެކަށީގެންވާ ނަލަ ހެދުމެއްގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އިސްތަށިގަނޑާއި ބޮލާއި ތުނބުޅި ބަލަހައްޓައި ދިވެހި މުޖުތަމައު ގަބޫލުކުރާ އަޚުލާގީ ހަމަތައް ހިފެހެއްޓޭ ގޮތުގައި ތިބުމާއި ލައިގެން ހުންނަ ހެދުމަކީ، އެ ހެދުން އަޅާ މުވައްޒަފު ދޭންޖެހޭ ހިދުމަތުގެ ބާވަތުން، އެ ހިދުމަތެއް ދިނުމަށް ދަތިވާ ހެދުމަކަށް ވެގެން ނުވާނެ ކަމަށް އެ ގަވާއިދުގައިވެއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ގެނައި އިސްލާހުގައި ވަނީ މުވައްޒަފުން ހެދުން އެޅުމާ ގުޅޭ އެ މާއްދާ ބަދަލުކޮށްފައެވެ.
އޭގައި ބުނެފައި ވަނީ، އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ބޭނުންކުރެވިދާނެ ކަމަށެވެ. އެފަދަ ހެދުންތައް ހުންނަންވާނީ ފައިގެ ތަނބިކަށްޓަށްވުރެ ކުރުނުވާ ގޮތަށް ކަމަށާއި އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ ހެދުމަކަށް ވެސް ވާންޖެހޭނެކަމަށް ބުނެފައިވެއެވެ.
ހެދުމުގެ މަތީބައި، ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅާފައި ހުންނަ ނަމަ، ފަޅާފައި ހުންނަ ބައި ހުންނަންވާނީ މައްޗަށް އަތް ދަމާލީމާ އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް ކަމަށް ވެސް އޭގައި ބުނެފައިވެއެވެ.
މީގެއިތުރުން، މިފަދަ ހެދުންތަކުގެ ދިގުމިން ހުންނަންވާނީ ބުޑުގެތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށްވުރެ ކުރު ނުވާ ވަރަށް ކަމަށް ވެސް ގަވައިދުގައި ބުނެފައިވެއެވެ.
ސިވިލް ސަރވިސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި ތިބެންވާނީ ގަމީހާއި ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ. ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ބުސް ގަމީސް ބޭނުންކުރެވިދާނެ ކަމަށާއި ބެގީ ބަހައްޓަން ވީގޮތާއި ގަހަނާގެ ގޮތުގައި އަނގޮޓިއެއް ފިޔަވައި އިތުރު އެއްޗެއް ނޭޅޭނެކަންވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން އިސްތަށިގަނޑުގައި ކަޅުކުލަ ނޫން ފާޅުކަން ބޮޑު ކުލައެއް ޖެއްސުމާއި ޝޭޑްކޮށް، ހައިލައިޓް ކުރުން ސިވިލް ސަރވިސް މުވައްޒަފުންނަށް މަނާވާނެއެވެ.
ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ސަޕޯޓް ސަރވިސް ގިންތީގައި ހިމެނޭ މުވައްޒަފުން ހެދުން އަޅަންޖެހޭ ގޮތްވެސް މި އިސްލާހުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.


